ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭންސީންގެ މައުލޫމާތު އެއްކުރުމަށް ހިންގަމުންދާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގާޕްރިންޓް އަދި ފޮޓޯ) ޑޭޓާ ނެގުމަށް އިތުރު މަރުކަޒުތަކެއް ހަމަޖައްސަައިފިއެވެ.
ހޯމް މިނިސްޓްރީއިން ބުނީ ޖޮއިންޓް އޮޕަރޭޝަން ސެންޓަރާއި ނޯތު ހާބަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ޑެސްކްގެ އިތުރުން ކަލާފާނު ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ.
އެގޮތުން ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 09:30 އިން ހަވީރު 4:00އަށް އަދި ރޭގަނޑު 9:30 އިން 11:30 އަށް ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެއެވެ.
ވަޒީފާދޭ ފަރާތްތަކާ ގާތުން އަދި އަވަހަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި މިއަދުން ފެށިގެން ޝައްވާލު މަހުގެ 7 ދުވަހު (ހުކުރު ދުވަސް ފިޔަވައި) ރޭގަނޑު 9:30އިން 12:30 އަށް ހުޅުމާލެ ފޭސް 1 ގެ ރެހެންދި ސްކޫލް ހޯލްގައި ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭންސީންގެ މައުލޫމާތު އެއްކުރުމަށް ހިންގަމުންދާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބައޯމެޓްރިކްސް ޑޭޓާ އަޕްޑޭޓްނުކުރާ ބިދޭސީން ޑީޕޯޓްކުރަން ހޯމް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 02 ވަނަ ދުވަހުއެވެ. ހޯމް މިނިސްޓްރީން ބުނެފައި ވަނީ މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުން ކަމަށެވެ.