ގިނަ ދިވެހީންނަށް ކަމުދާ ހަވާދުލީ ބިހަކީ ފަހުރުވެރި ދިވެހި ވަންތަ އުފެއްދުމެކެވެ. ސައި ހޮޓަލަކަށް ދިޔަޔަސް ނުވަތަ ހަވީރު އޮންނަ ޕާޓީއަކަށް ދެވުނަސް އެންމެ ފުރަތަމަ ވެސް ބަލާ ލެވޭނީ މެނޫގައި ހަވާދުލީ ބިސް ހުރިތޯއެވެ. މިއީ އެކަމާ މެދު ބަހުސް ކުރެވޭނެ ކަމެއް ނޫނެވެ. މި ހާއްސަ ހެދިކާ އާއި މެދު ދިވެހީންގެ ހިތުގައި އޮންނަނީ ބުނެދޭން ނޭނގޭ ފަދަ ލޯތްބެކެވެ.

ހަވާދު ލީ ބިހުގައި ހިމެނޭ މަސްގަނޑަށް ތަފާތެއް ނައި ނަމަވެސް އެކި ދުވަސް ވަރު އެކި ޓްރެންޑަށް ހަވާދުލީ ބިހުގެ ސޯސް ތައްޔާރު ކުރަމުންދެއެވެ. އެގޮތުން ހަވާދުގެ އިތުރުން ޓޮމާޓޯ ލީ ބިހާއި ރިހާކުރު ލީ ބިސްވެސް މިއީ ފާހަގަ ކޮށްލެވޭ ވަރުގަދަ ޓްރެންޑުތަކެވެ. އެކަމަކު އާންމު ގޮތެއްގައި ދިވެހިން ހަދަމުންދަނީ ޓޮމާޓޯ ލީ ބިހެވެ.

ނަމަވެސް އެ ރެސިޕީ ތަކާ ހިލާފަށް މިއަދު "ދަ ޕްރެސް ބަދިގެ" ސެގްމަންޓުގައި މި ގެނެސްދެނީ ބަޓާ ޗިކަންލީ ބިހެވެ. އިންޑިއާގެ އުފެއްދުމެއް ކަމަށްވާ ބަޓާ ޗިކަން އަކީ ދިވެހީންގެ ވެސް ފޭވަރިޓަކަށްވާއިރު އޭގެ ސޯސް ގަނޑުގައި ހަވާދުލީ ބިސް ތައްޔާރު ކޮށްލަބަލާށެވެ. އެއީ ހަމަ އެއްވަނައިގެ ރަހައަކަށް ވާނެއެވެ. އަދި މިއީ ދައުރުވަމުންދާ ޓްރެންޑުގެ ތެރެއަށް އާ ބޮޅަކަށްވުން ވެސް އެކަށީގެންވެއެވެ.

ބިސް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

  • 2 ޖޯޑު ފުށް
  • ¾ މޭޒުމަތީ ސަމުސާ ތެޔޮ
  • ½ ސައިސަމުސާ ލޮނު
  • 1 ފިޔާ
  • ގިތެޔޮ މިރުސް (ކުޅި ކުރަން ބޭނުންވާ ވަރަކަށް)
  • 2 ހިކަނދިފަތް
  • 1 ޖޯޑު ކާށި ހުނި
  • 1 މަސްދަޅު
  • ލުނބޯ (ބޭނުން ވަރަކަށް)

ބިސް ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުށް, ލޮނު, ތެޔޮ އަދި ހޫނުފެން އެޅުމަށް ފަހު ފުށްގަނޑު ރަނގަލަށް މޮޑޭށެވެ. މޮޑުނު ފުށްގަނޑުން ކުދި, ވަށްކޮށް ހުންނަގޮތަށް ގުޅަ ހަދާލާށެވެ.

ފިޔާ, މިރުސް ކުދިކޮށް ކޮށާލުމަށް ފަހު އެއަށް ލޮނު އަޅާށެވެ. ލުނބޯ ހުތް ވެސް އަޅާލުމަށް ފަހު ރަނގަޅަށް މޮޑެށެވެ. ދެން ހުންޏާއި މަސް އަޅައި އެއްކޮށްލާށެވެ.

ބިސް ހެދުމަށް ބޭނުންވާ މަސްގަނޑު ތައްޔާރުކޮށްފައި

އެއަށްފަހު ކުރިން ގުޅަ ހެދި ފުށްގަނޑު ނަގައި އިނގިލިތައް ބޭނުންކޮށްގެން ތުނި ކޮށްލުމަށް ފަހު މޮޑުނު މަސްކޮޅުން އެތިކޮޅެއް ފުށްކޮޅަށް އަޅައި ފުށްގަނޑު ބައްދާލާށެވެ. އަދި ބިހެއްގެ ބައްޓަމަށް ގުޅަ ވަށާލާށެވެ. ފުށްގަނޑު ރަނގަޅަށް ބެދިފައި ހުރިތޯ ޔަގީންކޮށްލާށެވެ. ހުރިހާ ބިހެއް ހަދައި ނިމުމުން ހޫނުފެނުގައި ބިސްތައް ކައްކާލާށެވެ. ފެންގަނޑުގެ މައްޗަށް ބިސްތައް އެރުމުން އެހެރީ ނަގަން ވެފައެވެ.

ސޯސް ގަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

  • 200 ގުރާމު ބަޓަރު
  • 2 ސައިސަމުސާ އަސޭމިރުސް
  • 1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)
  • 5 ލޮނުމެދު (ތުނިކޮށް ކޮށާފައި)
  • 2 ސައިސަމުސާ ލޮނުމިރުސް ހަވާދު (ބަޓާ ޗިކަން މަސާލާ)
  • 1 ދަޅު ޕީލްޑް ޓޮމާޓޯ (400 ގުރާމު)
  • 10 ވަރަކަށް ކެޝޫ ނަޓްސް
  • 2 ސައިސަމުސާ ދިރި
  • 2 ދަޅު ޓޮމާޓޯ ޕޭސްޓް (70 ގުރާމުު)
  • 2 ސައިސަމުސާ ލޮނު، 1 ޕެކެޓު ކުކިން ކްރީމް (200 މިލިލީޓަރު)
  • 10 ގުރާމު ކޮރިއެންޑާފަތް (އޮޕްޝަނަލް)
  • 1 ގިތެޔޮ މިރުސް (4 ފަޅިކޮށްފައި)
  • ½ ސައިސަމުސާ ހަކުރު

ސޯސް ގަނޑު ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވާގައި ބަޓަރުގެ ދެބައިކުޅަ އެއްބައި (100 ގުރާމު) ހޫނުކޮށްލާށެވެ. އެއަށްފަހު ފިޔާ، ލޮނުމެދު، ގިތެޔޮމިރުސް ކޮޅު އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން 1 ސައިސަމުސާ ލޮނު، ދިރި، ކެޝޫ ނަޓްސް، އަސޭމިރުސް، ލޮނުމިރުސް ހަވާދު އެޅުމަށް ފަހު މީރުކޮށްލާށެވެ. ދެން ޕީލްޑް ޓޮމާޓޯ އާއި ޓޮމާޓޯ ޕޭސްޓް އެޅުމަށް ފަހު ކައްކާލާށެވެ. އެއަށް ފަހު ހަކުރު ކޮޅު އަޅާފައި ރަހަ އެއްވަރުކޮށްލާށެވެ.

ސޯސް ގަނޑު ތައްޔާރު ކުރުމަށްފަހު އަތު މިކްސްޗަރަކުން ރަނގަޅަށް ހިމުން ކޮށްލަނީ

މަތީގައި ބުނެދެވިފައިވާ ސޯސްގަނޑު ހިހޫވުމުން މިކްސަރުގައި ގިރާލައި ހިމުންކޮށްލަން ވާނެއެވެ. ދެ އެ ތަވައަށް މިކްސްޗަރުގައި ހުރި ސޯސްގަނޑު އޮއްސާލުމަށްފަހު ކައްކާލާށެވެ. ދެން ކުކިން ކްރީމް އެޅުމަށްފަހު ބޮކިއަރަންދެން ކައްކާލުމަށްފަހު ކުރިން ތައްޔާރުކުރި ބިސްތައް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު 1-2 މިނެޓު ވަންދެން ކައްކާލުމަށްފަހު ގާނިޝް ކޮށްލަން ކުޑަ ކުކިން ކްރީމްކޮޅަކާއި ކޮރިއެންޑާ ފަތްކޮޅު ބުރުވާލާށެވެ. އޭރުން އެހެރީ ބަޓާ ޗިކަން ލީ ބިސް ތައްޔާރުވެފައެވެ.