ރައީސްުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ދައުލަތުގެ ތިން ބާރު މަހާލުމަށް (ބާރު ނެގުމަށް) މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.
އެމްޑީޕީން މިފަދައިން ތުހުމަތުކޮށްފައި ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު، އެ ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކަމުން ގެންދާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުއޫދުގެ އިސްތިއުފާގެ ސިޓީއަށް ރިއާޔަތްކޮށް މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރާ ދެކޮޅަށް ސުއޫދު ކުރައްވާ ތުހުމަތުތައް ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލަ މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖުޑިޝަލް ސާވިސް ކޮމިޝަން އާއި އެންޓި ކޮރަޕްޝަން ކޮމިޝަން މެދުވެރިކޮށް ބަލަމުންދަނީ އެއްވެސް އަސާސެއް ނެތި އެ މައްސަލަ ސަރުކާރު ބޭނުންވާ ގޮތަކަށް ނިންމުމަށް ނުފޫޒު ފޯރުވުމަކީ ނުހަނު ބޮޑު ކަންބޮޑު ވުމެއް ކަމަށްވެސް އެ ޕާޓީން ބުނެފައި ވެއެވެ.
އަދި ހަމަ އެހެންމެ އެއްވެސް މީހަކު ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ގާނޫނު އަސާސީއާއި ހިލާފު އަމަލެއްކަން ފާހަގަކޮށް އެމްޑީޕީން ވަނީ، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަށް ގޮވާލާފައެވެ.
މީގެ އިތުރުން ވެސް ދައުލަތުގެ 3 ބާރު ރައީސްގެ އަތަށް މަހައިލުމަށް ޕީއެންސީން ހިންގަމުންދާ ގައިރު ދުސްތޫރީ ގައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ތެދުވެ އިހުތިޖާޖުކުރުމަށް އެމްޑީޕީން ވަނީ ހުރިހާ ރައްޔިތުންނަށް ގޮވާލާފަ އެވެ.
ސުއޫދު މަގާމުން މިއަދު އިސްތިއުފާދެއްވާފައިވާއިރު، އޭސީސީން ބަލަމުންދާ މައްސަލައެއްގެ މައުލޫމާތު އެ ކޮމިޝަނުން ކުއްލި ގޮތަކަށް ފޮނުވާފައިވާކަމަށް ބުނެ ޖޭއެސްސީއިން ވަނީ ސުއޫދުގެ އިތުރުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ވެސް ސަސްޕެންޑްކޮށްފައެވެ.