ގާޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓާލަން އިޒްރޭލުން ނިންމި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އިންސާނީ ހައްގުތަކާ ހިލާފު ކަމެއް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

އިޒްރޭލުގެ މި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ އިތުރުން އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއްކަމަށެވެ.

މި ބަޔާނުގައި ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ގާޒާ އަށް ފޯރުކޮށްދިނުމަށް ގޮވާލާފައެވެ. އަދި މިފަދަ އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީ ކުރުވުމަށާއި، ނިޒާމުތައް ޒިންމާދާރުކުރުވުމަށްވެސް ވަނީ ގޮވާލާފައެވެ.

އިޒްރޭލުން މިފަދަ އިންޒާރެއް ދިން ވަގުތަކީ ރަމަޟާން މަހަށް ވީ ހިނދު މި ވަގުތު ފަލަސްތީންގެ ރައްޔިތުން ވަނީ އެހީއަށް ވަރަށް ބޮޑަށް ބޭނުން ވެފައެވެ. އެކަމަށް ރިއާޔަތް ކޮށް ދިވެހި ސަރުކާރުން ވަނީ މި މައްސަލައަށް ސުލްހަވެރި އަދި ދާއިމީ ހައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅާ ފަލަސްތީނު މިނިވަން މުސްތަގިއްލު ދައުލަތަކަށް ހަދައިގެން ކަމަށް ބުނެފައެވެ.

އޮކްޓޯބަރު 7، 2023 ގައި އިޒްރޭލުން ހަމަލާތައް ފެށިފަހުން މިހާތަނަށް 61،700 މީހަކު އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި މިހާރު ކުރިއަށް ދާ ސުލްހައިގެ މުއާހަދާގެ މަރުހަލާތަކުގައި ގާޒާގެ ރައްޔިތުން އެކި ސަރަހައްދުތަކަށް ދާން ފަށާފައި ވުމާއެކު ފާހަގަ ވީ، ހަމަލާތަކުގައި ގެއްލިފައިވާ ކަމަށް ރިޕޯޓް ކުރި 12،000 މީހުން ވީ މަރުވެފައި ކަމަށެވެ.