ކުޅި ރަހަތަކަކީ ގިނަ ބަޔަކު އެއަށް ލޯބި ކުރާ ރަހައަކަށްވާއިރު ކުޅި އެއްޗަކާ ނުލާ ބައެއް މީހުންގެ ކެއުން ފުރިހަމަ އެއް ނުވެއެވެ. މިފަދަ ފަރާތްތަކަށް ހާއްސަ ކޮށްގެން މިއަދު މި ގެނެސްދެނީ ކުޅި އަލުވި ކުކުޅު ފަސޭހައިން ގޭގައި ހަދާލެވިދާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 4 އަލުވި (ކުދި ކޮށް ކޮށާފައި)
  • 1 ފިޔާ
  • 2 ސައިސަމުސާ މުގުރި މިރުސް
  • 2 ސައިސަމުސާ މުގުރި ދިރި
  • އޮލިވް އޮއިލް
  • ކުދި ކޮށް ކޮށާފައި ހުރި ކުކުޅު (ބޯންލެސް)
  • 1 ޓޮމާޓޯ (ކިއުބް ކޮށް ކޮށާފައި)
  • 2 ލޮނުމެދު
  • 1/2 ޖޯޑު ފެން
  • ލޮނު

ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ތެއްޔަކަށް ތެޔޮ ކޮޅެއް އަޅާ ހޫނުވުން ކޮށާފައި ހުރި ފިޔާ އަޅާށެވެ. ދެން ލޮނުމެދު ޗިސްކުރުމަށްފަހު އަޅާލާ ރަތް ވަންދެން މަޑުކޮށްލާށެވެ. ދެން އަލުވި، ދިރި އަދި މިރުސްކޮޅު އަޅާފަ އިތުރު މިނެޓެއްވަންދެން ހަނާކޮށްލާށެވެ. އެއަށްފަހު ކުކުޅު އަދި ޓޮމާޓޯ އަޅާ ރޯ ފިލަންދެން ކައްކާލާށެވެ.

ދެން ފެންފޮދު އަޅައި ހާވާލާށެވެ. އެއަށްފަހު ލޮނު ރަހަ ހެޔޮވަރުކޮށްލެވިދާނެއެވެ. މިހާހިސާބުން މިއޮތީ ކުޅި އަލުވި ކުކުޅު ތައްޔާރުކޮށްލެވިފައެވެ.

ތަފާތު ބާވަތުގެ ކާނާތަކުން ސުފުރާމަތި ފުރާލުމަކީ ހާއްސަކޮށް ރޯދަމަހެއްގައި ކައްކާއިރު އެންމެ އިސްކަމެއް ދޭނެ އެއްކަންތައް ކަން ޔަގީނެވެ. ކުޅި އަލުވި ކުކުޅަކީ ވަރަށް ފަސޭހައިން އަވަހަށް ތައްޔާރުކޮށްލެވޭނެ ރެސިޕީއަކަށް ވާއިރު ސަމާލުކަން ދޭން ޖެހޭ އެއް ކަމެއް އެބައޮތެވެ.

އެއީ މިފަދަ މަތިވެރި މައްސަރެއްގައި އިސްރާފު ކުރުމުން ދުރުހެލިވުމެވެ. އިސްރާފު ކުރުމަކީ ފާފައަކަށްވާއިރު، ކާތަކެތި ތައްޔާރު ކުރުމުގައި ވެސް އިސްރާފަކަށް ނުވާނެ ފަދައިން ވިސްނައިގެން ތައްޔާރުކުރުމަށް އިސްކަން ދޭން ޖެހެއެވެ.