ރެސްޓޯރެންޓުތަކުގެ މެނޫގެ އެންމެ ކުރީގައި މިހާރު އޮންނަ އެކައްޗަކީ ތަންދޫރީ ޗިކެން އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ތަންދޫރީ ޗިކެން ދިވެހިންގެ ތެރޭގައި މަގުބޫލު ކެއުމަކަށް ވެގެންދާއިރު މިފަދަ ޑިޝްއެއް އަމިއްލަ އަށް ގޭގައި ތައްޔާރުކޮށްލެވިދާނެ ހެއްޔެވެ؟
ޖަވާބަކީ އާއެކެވެ. މިއީ ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ކެއުމެކެވެ. ހާއްސަ ކޮށް މި ރޯދަ މަހު ތަންދޫރީ ޗިކެންއެއް ނުކައި ދޫކޮށްލާކަށް ނުވާނެއެވެ. އެގޮތުން ބަތް ނުވަތަ ޕަރާޓާއެކު ކާލަން ތަންދޫރީ ޗިކެން ވަރެއް ނޯންނާނެއެވެ.
ބޭނުންވާ ތަކެތި:
- 1000ގ ގެ ކުކުޅު (ކޮށާފައި)
- ތަންދޫރީ މަސާލާ
- ޕްލޭން ޔޯގަޓް
- 1 ފިޔާ
- 4 ލޮނުމެދު
- 1 އިންޗި އިނގުރު ކޮޅެއް (ޗިސް ކޮށްފައި)
- ބައި ސަމުސާ މުގުރި އަސޭމިރުސް
- ބައި ސަމްސާ މުގުރި ކޮތަނބިރި
- ލުނބޯ
- ކާކުލަ ކޮޅެއް (ރަތް ކުލަ - އަޅާނީ ބޭނުންނަމަ)
- ގިތެޔޮ މިރުސް
- 1 ސަމްސާ ލޮނު
- ކުކުޅު ހަވާދު
ތައްޔާރު ކުރާނެ ގޮތް:
ތައްޓަކަށް ޔޯގަޓް، ލުނބޯ އަދި ކުކުޅު ފިޔަވާ ހުރިހާ އެއްޗެއް އަޅާލާށެވެ. އެއަށްފަހު މިކްސަރަށް ލައި ފުޑާލާ ޕޭސްޓު ގަނޑެއް ހަދާށެވެ. އެއަށްފަހު ޕޭސްޓު ގަނޑުގެ ތެރެއަށް ޔޯގަޓާއި ލުނބޯ އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
ދެން މި ޕޭސްޓު ގަނޑުގެ ތެރެއަށް ކޮށާފައި ހުރި ކުކުޅުކޮޅު އެޅުމަށްފަހު މެރިނޭޓު ކުރުމަށް ބަހައްޓާށެވެ. ގަތްގަނޑަކަށް 40 އަކަށް މިނެޓު މެރިނޭޓު ކުރުމަށް ބެހެއްޓުމުން ރަނގަޅު ވާނެއެވެ. އެންމެ ފަހު ކަމަކަށް އަވަނަށްލާ ފިހެލާށެވެ. އޭރުން އެހުރީ ތަންދޫރީ ޗިކެން ތައްޔާރުކޮށްލެވިފައެވެ.