ކުރިޔަށް އޮތް ދެ ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ދިމާވާނެ ދަތިތައް ކުޑަކުރުމުގެ ފިޔަވަޅު އަޅަން ފަށާފައިވާ ކަން ސަރުކާރުން ހާމަކޮށްފިއެވެ.

ކުރިޔަށް އޮތް ދުވަސްވަރު މޫސުން ގޯސްވާނެތީ މޫސުމަށް ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު 'އެކްސް'ގައި ލިޔުއްވިގޮތުގައި، ކުރިޔަށް އޮތް ދެ ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަން މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވުމުން، އާންމުންނަށް ދިމާވާނެ ދަތިތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅަން ވާނީ ފަށައިފައެވެ.

"އަދި މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރުވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތްކުރާނެ ވާހަކަ ދަންނަވަން،" ހީނާ ލިޔުއްވާފައިވެއެވެ.

ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއް ކަން ހީނާ ހާމަ ނުކުރައްވައެވެ.

މޫސުމާ ބެހޭ އިދާރާއިން ކުރިޔަށް އޮތް 72 ގަޑިއިރަށް ލަފާކުރާ ގޮތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭ ވެހޭނެއެވެ. އަދި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ގުގުރައި ބޯކޮށް ވާރޭވެހޭނެ ކަމަށް މިއަދު ނެރުނު ރީނދޫ ސަމާލު ދެ ފަހަރެއް މަތިން ދަމަހައްޓައި، ދެކުނުގެ ސަރަހައްދުތަކަށް ނެރުނު ހުދު ސަމާލު ވަނީ މިރޭ 10 ޖަހަންދެން ދަމަހައްޓައިފައެވެ.