އިބްނު ސީނާ އަކީ ކުރީގައި އުޅުނު މަޝްހޫރު ސައިންސްވެރިއެކެވެ. ސައިންސްގެ އެކި އެކި ތިޔަރީތައް ހޯދާ އެކި އެކި ޓެސްޓްތައް ކުރި އިބްނު ސީނާއަކީ ޒަމާނީ ބޭސްފަރުވާގެ ބައްޕައިގެ ގޮތުގައި ވެސް ހުޅަނގުގެ ބައެއް އިލްމުވެރިން ސިފަ ކުރެއެވެ.

އެއް ފަހަރަކު އިބްނު ސީނާ ދެ ކަންބަޅި ބޭނުންކޮށްގެން ދިރާސާއެއް ކުރިއެވެ. އޭނާ މި ހެދި ގޮތަކީ އެއް އުމުރެއްގެ ދެ ކަންބަޅި ދެ ކޮއްޓެއްގައި ބަންދުކުރީއެވެ. އެދެސޮރަށް އިބްނު ސީނާ ކާން ދެނީ ވެސް ބޯން ދެނީ ވެސް އެކައްޗެކެވެ. ކޮށީގެ ތެރޭގައި ވެސް ތަފާތެއް ނެތެވެ.

އިބްނު ސީނާ ދެން ކުރި ކަމަކީ މިދެކޮށި ކައިރީގައި ތިން ވަނަ ކޮއްޓެއް ބެހެއްޓީއެވެ. އެކޮއްޓަށް މި ލީ ބޮޑު މިނިކާ ކުއްތާއެކެވެ. ތަފާތަކީ ކޮށީގައި އޮތް މިނިކާ ކުއްތާ ފެންނަނީ ހަމައެކަނި އެއް ކަންބަޅިއަށް ކަމެވެ.

އެތަށް މަހެއް ފާއިތުވެއްޖެއެވެ. ކޮށީގައި އޮތް މިނިކާ ކުއްތާ ފެނިގެން ބޮޑުވި ކަންބަޅީގެ ހާލު ވަރަށް ދެރައެވެ. އެސޮރު ބިރުން ގޮސް ނުކެވި ރަނގަޅަށް ނުނިދި އުޅެން ޖެހުމުން އޮންނަނީ އަބަދު ސިހިސި ނުވަތަ ރުޅި އައިސްފައެވެ. ކާ އެއްޗެއްގެ އަސަރެއް ހަށިގަނޑުން ނުފެނި އަނަރޫފަވެފައެވެ.

މާ ގިނަ ދުވަހެއް ނުވެ އެ ސޮރު މަރުވެއްޖެއެވެ. މިނިކާ ކުއްތާ ކައިރީގައި އޮތްކަން ނޭނގޭ ކަންބަޅި ހަމަ ވަރަށް ރަނގަޅަށް ހެދި ބޮޑުވެއްޖެއެވެ. ސިއްހީ ގޮތުން ވެސް އުފެދުމުގައި ވެސް އެއްވެސް މައްސަލައެއް ނެތެވެ.

މަރުވި ކަންބަޅި އަށް މިނިކާ ކުއްތާ އެއްވެސް ކަމެއް ނުކުރި ނަމަވެސް އެ ޖަނަވާރު ކައިރީގައި އޮތްކަން އެނގޭތީ އެކަމާ ބިރުން އެކަނބަޅީގެ ހާލަތު ގޯސްވެ އަވަހަށް މަރުވީއެވެ. މިނިކާ ކުއްތާ ނުފެނި އޮތް ކަންބަޅި އުފަލުގައި ބޮޑުވީ ކައިރީގައި އޮތް ބިރުވެރިކަން ނޭނގޭ ހާލުގައެވެ.

މި އެކްސްޕެރިމެންޓުން އިބްނު ސީނާ ދޭން ބޭނުންވި ފިލާވަޅަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަމެވެ. ތިމާގެ ބާރު ނުހިނގާ ކަންކަމާ މެދު ކަންބޮޑުވެ އެކަންކަމާ މެދު ވިސްނާ ހަދާ ނަމަ ނަފްސާނީ ހާލަތު ގޯސްވެ ޖިސްމާނީ ދުޅަހެޔޮ ކަމަށް ވެސް އަސަރު ކުރާނެއެވެ. އޭނގެ ބަދަލުގައި ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުން އަރައިގަތުމަށް ތިމާ ހެއްދެވި ރަސްކަލާނގެ މަތިން ހަނދުމަކޮށް އެކަލާނގެ މަދަދަށް އެދޭށެވެ.

ކީރިތި ގުރުއާނުގެ ސޫރަތު އައް ތަލާގުގެ 3 ވަނަ އާޔަތުގައި އެކަލާނގެ ވަހީ ކުރައްވަނީ:

وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَـٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍۢ قَدْرًۭا

މާނައީ:އަދި ހީވެސް ނުކުރާ ގޮތްގޮތުން އެކަނލާގެ އޭނާއަށް (ތަޤުވާވެރިޔާއަށް) ރިޒްގު ދެއްވާނެތެއެވެ. އަދި ﷲ އަށް ވަކީލް ކުރާ މީހާ ( ދަންނާށެވެ). ފަހެ އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.

އެހެން ކަމުން، އާހިރުގައި ކަންކަން ވާނެ ގޮތަކާ މެދު ނުވިސްނާ މުސްލިމު އަޅުތަކުންނަށް އޮތީ މާތް ﷲ އަށް ކުއްތަންވެ އެކަލާނގެއަށް ބަރޯސާވުމެވެ. އަދި ތިމާގެ ހަޔާތުގައި ދިމާވާ އެކި ކަންކަމުން އެހީއާ އިރުޝާދު ހޯދުމަށް އެކަލާނގެއަށް ދުއާކޮށް އިހްސާސްތައް ހިއްސާކުރެމެވެ.