ޕާނަކީ މެދުއިރުމަތީގެ ގައުމުތަކުގައި އުފެދިގެން އައި އެއްޗެކެވެ. ޒަމާނާ އެއްގޮތަށް މިހާރު ތަފާތު ވައްތަރުގެ ޕާން ތައްޔާރުކޮށް އުޅޭއިރު އޭގެ ތެރޭގައި ބްރައުން ބްރެޑް، ސޯ ޑޯ، ބެގެޓް އަދި ހޯލް ވީޓް އަކީ ފާހަގަ ކޮށްލެވޭ ބާވަތްތަކެކެވެ. ދިވެހީންގެ ވެސް ދިރިއުޅުމުގެ ބޮޑު ރޯލެއް އަދާ ކުރާ ޕާނުން ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރު ކުރެއެވެ.

ކުޅި ތަކެއްޗާއި ފޮނިކާ ތަކެތި ވެސް ތައްޔާރު ކުރަމުންދާއިރު "ދަ ޕްރެސް ބަދިގެ' ސެގްމެންޓުގައި މި ގެނެސްދެނީ ބާކީވާ ޕާނުން ތައްޔާރު ކޮށްލެވޭނެ ފަސޭހަ އަދި އަނގައަށް މީރު ރެސިޕީއެކެވެ. ސޭންޑްވިޗް ހެދުމަށްފަހު ބާކީވާ ޕާނުގެ ކައިރި ފޮތިން ވެސް މި ރެސިޕީ ތައްޔާރު ކޮށްލެވޭނެއެވެ. މި މާތް މައްސަރުގައި އިސްރާފުގެ ބައި ކުޑަ ކުރުމަށް އިސްކަންދޭން ޖެހޭއިރު، މިފަދަ ރެސިޕީއަކީ އެކަމަށް އޮތް ހައްލު ކަމަށް ގަބޫލުރު ކުރެވެއެވެ.

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ކިރު (ހޫނު)
  • 1/4 ޖޯޑު ހިކި މޭބިސްކަދުރު
  • 1/2 ޖޯޑު ގެރިކިރު
  • ޕާން (ކިއުބް ކޮށް ކޮށާފައި)
  • 1/4 ޖޯޑު ބަޓަރު (މެލްޓު ކޮށްފައި)
  • 2 ބިސް
  • 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
  • 5-6 ޕާން ފޮތި / ޕާނުގެ ކައިރިފަށް

ތައްޔާރު ކުރާނެ ގޮތް:

ކިރު، ހިކި މޭބިސްކަދުރު އަދި ގެރިކިރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި 10 މިނެޓު އެއް ކައިރީގައި ބެހެއްޓުމަށްފަހު ބަޓަރު، ބިސް އަދި އެސެންސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އޭގެ ތެރެއަށް ކޮށާފައި ހުރި ޕާން ކޮޅު އެއްކޮށްލުމަށްފަހު މަޑު މަޑުން އެއްކޮށްލާށެވެ.

ބްރެޑް ޕުޑިން، ތައްޔާރު ކުރަނީ

ދެން ޓްރޭ އަކަށް އެއްކުރި ހުރިހާ އެއްޗެއް އޮއްސާލުމަށްފަހު މައްޗަށް ހިކި މޭބިސްކަދުުރު އެޅުމަށްފަހު އާވިން މަޑު ގިނީގައި 30 ވަރަކަށް މިނެޓު ކައްކާލާށެވެ. ބޭނުން ނަމަ އަވަނުން ފިހެވެލެވިދާނެއެވެ. އަވަނުން ފިހާނަމަ 170 ޑިގްރީ ސެލްސިއަސްގައި އަވަނުގެ ހޫނުމިން ބެހެއްޓުމަށްފަހު 30 ވަރަކަށް މިނެޓު ވަންދެން ފިހެލާށެވެ. އަދި ހިހޫ ކުރުމަށްފަހު ވެނީލާ އައިސް ކްރީމް އާއިއެކު މި ކެއުން އިންސާފު ކުރުމުން ރަހަ އިތުރަށް މީރު ވެގެންދެއެވެ.