ކުޑަކުދިން އެންމެ ގަޔާވާ އެއް ފިނި ބުއިން ކަމުގައިވާ އައިސްކްރީމް އިން ވެސް ތަފާތު ރެސިޕީތައް ތައްޔާރު ކުރެއެވެ. އެގޮތުން އައިސްކްރީމް އިން އެކި އެކި ބުއިންތަކާއި ފޮނިކާ ތަކެތި ތައްޔާރު ކުރާއިރު މިއަދު "ދަ ޕްރެސް ބަދިގެ" ސެގްމަންޓުގައި މި ގެނެސްދެނީ ކުދިވެރިން ރޯދައަށް ތިބޭއިރު އެކުދިންގެ ހިތް އުފާ ކޮށްލަ ދިނުމަށް ތައްޔާރު ކުރެވިދާނެ ތަފާތު ފޮނިކާއެއްޗެއްގެ ރެސިޕީއެކެވެ.

މި ރެސިޕީގައި ވެނީލާ އައިސްކްރީމް ބޭނުން ކުރި ނަމަވެސް އެމީހަކަށް ކަމުދާ ރަހައެއްގެ އައިސްކްރީމް ބޭނުން ކުރެވިދާނެއެވެ.

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ފުލް ކްރީމް
  • 1 ސައިސަމްސާ ވިނިގާ
  • 1/2 ޖޯޑު ފުށް
  • 1 ސައިސަމްސާ ބޭކިންގް ސޯޑާ
  • 1/2 ސައިސަމްސާ ލޮނު
  • 3 ބިސް
  • 1/2 ޖޯޑު ހަކުރު
  • 1 ޖޯޑު ކުކިންގް އޮއިލް
  • 1 ސައިސަމްސާ ވެނީލާ އެސެންސް
  • 1 ޖޯޑު ކުކިން ޗޮކްލެޓް
  • 1 ޖޯޑު ގެރިކިރު
  • 1 ލީޓަރު ވެނީލާ އައިސްކްރީމް

ތައްޔާރު ކުރާން ގޮތް:

ފެންބޯ ތައްޓަކަށް ކިރު އެޅުމަށްފަހު ވިނިގާ އަޅާ އެއްކޮށްލާށެވެ. އަދި 5 ވަރަކަށް މިނެޓް ބަހައްޓާށެވެ. އެއަށްފަހު ބޯ ތައްޓަކަށް ފުށް، ބޭކިން ސޯޑާ އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި އެހެން ބޯ ތައްޓަކަށް ބިސް އަޅާ ރަނގަޅަށް ގިރާލާށެވެ. އަދި އެއަށްފަހު ހަކުރު އަޅާ އެ ވިރެންދެން ރަނަގަޅަށް ގިރާލާށެވެ. ދެން ކުކިންގް އޮއިލް އަދި ވެނީލާ އެސެންސް އެޅުމަށްފަހު ކޭކު މިކްސަރަކުން ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލާށެވެ. ކޭކް މިކްސަރެއް ނެތް ނަމަ އަތުންވެސް ގިރިދާނެއެވެ. ނަމަވެސް ހުރިހާ އެއްޗެއް ރަނގަޅަށް ގިރުމަށް ސަމާލުކަން ދޭންވާނެއެވެ.

އަދި އޭގެ ކުރިން ތައްޔާރުކުރި ފުށާއި ކިރު ވެސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން ބިއްލޫރި ޓްރޭ އެއްގައި ތެޔޮ ހޭކުމަށްފަހު ފުށްގަނޑު އެއްސާލާށެވެ. އަދި 180 ޑިގްރީ ސެލްސިއަސްގައި 20 މިނެޓު ވަންދެން ފިހެލާށެވެ.

އައިސްކްރީމް މިކްސް ކޭކަށް ބޭނުން ކުރާ ޗޮކޮލެޓް ތައްޔާރު ކުރަނީ

އޭގެ ފަހުން މައިކްރޯވޭވް ކުރެވޭ ތައްޓަކަށް ކުކިންގް ޗޮކޮލެޓް ގެރިކިރު އެޅުމަށްފަހު މިނެޓެއްހާއިރު ހޫނު ކޮށްލާށެވެ. އަދި ނަގާ ގިރުމަށްފަހު ކުރިން ފިހުނު ކޭކު މައްޗަށް އެއްސާލާށެވެ. އަދި 1 ގަޑިއިރު ވަންދެން ފްރިޖްކޮށްލާށެވެ. އެއަށްފަހު ވެނީލާ އައިސްކްރީމް ކޭކު މައްޗަށް އެޅުމަށްފަހު ރަނގަޅަށް ފަތުރާލާށެވެ. އަދި ރަނގަޅަށް ރެޕް ކުރުމަށްފަހު 8 ގަޑިއިރު ފްރިޖުގައި ބަހައްޓާށެވެ. ބޭނުން ނަމަ ސުފުރާ މައްޗަށް ނެގުމުގެ ކުރިން ޗޮކްލެޓް ޗިޕްސް ނޫންނަމަ ޑާކް ޗޮކޮލެޓް ކުދިކޮށް ކޮށާލުމަށްފަހު ނޫނީ ގާނާފައި މައްޗަށް ބުރުއްސާލެވިދާނެއެވެ. މި ރެސިޕީ ތައްޔާރު ކޮށްލައިފި ނަމަ ކުދިވެރިން އުފާވާނެއެވެ.