'ސީ އަލްމަންޑް' ނުވަތަ ކަނަމަދަކީ އާންމު ގޮތެއްގައި ޓްރޮޕިކަލް ސަރަހައްދު ތަކުގައި ހެދޭ ގަހަކަށްވާއިރު މިއީ ރާއްޖޭގައި ވެސް ހެދޭ ބާވަތެކެވެ. ކުރީގައި ލިބޭ ފަސޭހައިން މާލެއިން މިހާރު ލިބުމަށް ދަތި ނަމަވެސް ރަށް ރަށުގައި މިއީ އަދިވެސް ފަސޭހަ ކަމާއެކު ލިބޭ ބާވަތެެކެވެ. ތަފާތު މީރު ރަހައެއް އެކުލެވިގެންވާ ކަނަމަދުން ތަފާތު ކުޅި އަދި ފޮނިތަކެތި ތައްޔާރު ކުރެއެވެ.

އެގޮތުން މިއަދު "ދަ ޕްރެސް ބަދިގެ" ސެގްމަންޓުގައި މި ގެނެސްދެނީ ކަނަމަދުން ތައްޔާރުކޮށްލެވޭ މީރު ފޮނިކާ އެއްޗެއް ކަމަށްވާ 'ކަނަމަދު ކޭކު'ގެ ރެސިޕީއެވެ. ދިވެހީންގެ ތެރޭގައި ވެސް މަގްބޫލުވަމުން އަންނަ މި ކޭކު އެކި މީހުން ތައްޔާރުކޮށް އުޅެނީ އެކި ގޮތަށެވެ. މި ރެސިޕީގައި ކަނަމަދު ކޭކްގެ އިތުރުން އިތުރަށް ރަހަމީރު ކޮށްލުމަށް ބޭނުން ކުރެވިދާނެ ފްރޮސްޓިންގް އެއްވެސް ހިމަނާލާފައިވާނެއެވެ.

ކޭކް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

  • 150ގ ކަނަމަދު (މުގުރާފައި)
  • 150ގ ހަކުރު (މުގުރާފައި)
  • 150ގ ފުށް
  • 1 މޭޒުމަތީ ސަމްސާ ބޭކިންގް ޕައުޑަރު
  • 1 ސައި ސަމްސާ ވެނީލާ އެސެންސް
  • 2 ބިސް
  • 1 މޭޒުމަތީ ސަމްސާ މާޖިރީން
  • 1/2 ޖޯޑު ލެކްނޯ ކިރު ނޫންނަމަ ޑަޗްލޭޑީ ކިރު

ތައްޔާރު ކުރާނެ ގޮތް - މާޖިރިން އަދި ހަކުރު ރަނގަޅަށް އެއްކޮށްލުމަށްފަހު ފަހަރަކު ބިހެއް އަޅަމުން ގިރާލާށެވެ. އަދި އޭގެ ތެރެއަށް ފުށާއި ބޭކިންގް ޕައުޑަރު އެއްކޮށްފައި ފުރާނާލުމަށްފަހު ކިރު އަޅާ އަނެއްކާވެސް ރަނގަޅަށް ގިރާލާށެވެ. ރަނގަޅަށް ގިރުމުން ކަނަމަދާއި އެސެންސް އަޅާ އެއްކޮށްލުމަށްފަހު ޓްރޭގައި ތެޔޮ ހާކާލުމަށްފަހު ފިހާށެވެ.

ކަނަމަދު ކޭކް ތައްޔާރު ކުރުމުގެ ތެރެއިން

ކޭކް ފްރޮސްޓިންގް އަށް ބޭނުންވާ ތަކެތި:

  • 1 ދަޅު ގެރިކިރު
  • 3/4 ޖޯޑު ބްރައުން ޝުގާ
  • 1/2 ޖޯޑު ކަނަމަދު (މުގުރާފައި)
  • 1 ސައި ސަމްސާ ވެނީލާ އެސެންސް
  • 3 ބިހުގެ ގޮބޮޅި
  • 1/2 ސައި ސަމްސާ ލޮނު

ތައްޔާރު ކުރާނެ ގޮތް - ކަނަމަދު ފިޔަވާ އެހެން ހުރިހާ އެއްޗެއް ތެއްޔަކަށް އަޅާ ރަނގަޅަށް ގިރުވާލާށެވެ. ރަނގަޅަށް ގިރުމުން މަޑު ގިނީގައި އޮލަވަންދެން ދޭފަތުން ހަލަމުން ކައްކާލާށެވެ. އަދު ހިހޫ ކުރުމަށްފަހު ކޭކުގެ މައްޗަށް އޮއްސާލުމަށްފަހު މުގުރާފައި ހުރި ކަނަމަދު ކޮޅު ރީއްޗަށް މުޅި ކޭކަށް ބުރުވާލާށެވެ. އޭރުން ކަނަމަދު ކޭކު ތައްޔާރު ވިއެވެ.