މި ހާއްސަ މައްސަރު، ސުފުރާ މަތިން ފޮނިކާ އެއްޗެއް ފެންނަން ނެތުމަކީ ކެއުން މުޅީން ފުރިހަމަ ވާނޭ ކަމަކަށް ނުވާނެކަން ޔަގީނެވެ. ކެއުން ނިންމާލުމަށްފަހު ފޮނިކާ އެއްޗެއް ކާލުމަކީ ދިވެހީންގެ އާދަކާދައަކަށް ވާއިރު މިއަދު "ދަ ޕްރެސް ބަދިގެ" ސެގްމަންޓުގައި މި ގެނެސްދެނީގެ ކުދިބޮޑު އެންމެންނަށްވެސް ކަމުދާ ޕުޑިން ގެ ތަފާތު ރެސިޕީ އެކެވެ.
19 ވަނަ ގަުރުނުގައި ބިހާއި ކިރު ބޭނުންކޮށްގެން ތައްޔާރު ކުރާ މި މީރު ފޮނިކާ އެއްޗަކީ ރޯމްގެ އުފެއްދުމެކެވެ. ޒަމާނާ އެއްގޮތަށް ޕުޑިންގެ ތަފާތު ރަހަތަކުގެ ރެސިޕީތައް މިހާރު އެކުލެވެއެވެ. އޭގެ ތެރޭގައި ނަޓްސް ޕުޑިން، ޗޮކޮލެޓް ޕުޑިން އާއި ބަނާނާ ޕުޑިންގް ހިމެނެއެވެ. ނަމަވެސް މިއަދު ކިޔުންތެރިންނަށް ގެނެސްދޭން މިއުޅޭ ރެސިޕީއަކީ ކޭކު އެކުލެވޭ ތަފާތު އަދި މީރު ޕުޑިންއެއްގެ ރެސިޕީއެވެ. ތިން ފަށަލަ އެކުލެވޭ މި ޕުޑިން ތައްޔާރު ކުރާ ގޮތް ތިރީގައި އެވަނީއެވެ.
ފުރަތަމަ ފަށަލަ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި އަދި ތައްޔާރު ކުރާނެ ގޮތް
- 3 މޭޒުމަތީ ސަމްސާ ހަކުރު
- 1 މޭޒުމަތީ ސަމްސާ ފެން
ތައްޔާރު ކުރާނެ ގޮތް - ޓްރޭއަކަށް އެއް މޭޒުމަތީ ސަމްސާ ފެން އެޅުމަށްފަހު، މަޑު ގިނީގައި ހަކުރު ގަނޑު ރަތްވާނެހެން އުނދުންމަތީގައި ކައްކާލާށެވެ.
ދެވަނަ ފަށަލަ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި އަދި ތައްޔާރު ކުރާނެ ގޮތް
- 8 ބިސް
- 1/3 ޖޯޑު ފެން
- 1 ދަޅު ދެރިކިރު
ތައްޔާރު ކުރާނެ ގޮތް - މިކްސަރުގައި ބިސް، ގެރިކިރު އަދި 1/3 ޖޯޑު ފެން އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ބޭނުންނަމަ ރަހަ މީރު ކޮށްލަން ވެނީލާ އެސެންސް ކޮޅެއް ވެސް އަޅާލެވިދާނެއެވެ. އަދި ކުރިން ކެއްކި ހަކުރު ގަނޑު މައްޗަށް އޮއްސާލުމަށްފަހު ޓްރޭ އެއްފަރާތުގައި ބަހައްޓާށެވެ.
ތިންވަނަ ފަށަލަ ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި އަދި ތައްޔާރު ކުރާނެ ގޮތް
- 2 ބިސް
- 1/2 ޖޯޑު ފެން
- 1/4 ޖޯޑު ކުކިންގް އޮއިލް
- 1/2 ޕެކެޓް ޗޮކްލެޓް ކޭކް ފުށް
ތައްޔާރު ކުރާނެ ގޮތް - މިކްސަރުގައި ބިސް، ތެޔޮ އަދި ފެން އެއްކޮށްލުމަށްފަހު މަޑުމަޑުން ޗޮކްލެޓް ކޭކް ފުށް ޕެކެޓް އޭގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ރަނގަޅަށް ހުރިހާ އެއްޗިހި އެއްވުމުން ކުރިން ގިރި ޕުޑިން މިކްސްގެ މައްޗަށް މަޑުމަޑުން ސަމްސަލަކުން ޗޮކިލެޓް ކޭކް މިކްސް އަޅާލާށެވެ. ސަމްސަލުން އަޅަމުންދާއިރު ޕުޑިންގް މިކްސްގެ މައްޗަށް ޓްރޭގެ ވަށައިން އެޅުމަށް ހަނދާން ކުރަންވާނެއެވެ. އެއަށްފަހު މަޑު ގިނީގައި އާވިން ފިހެލާށެވެ. އޭރުން އެހެރީ ޓްރިޕަލް ޕުޑިންގް ކޭކް ތައްޔާރު ވެފައެވެ. ބޭނުންނަމަ ފިނި ކުރުމަށްފަހު ވެސް އިންސާފު ކުރެވޭނެއެވެ.