މާލެ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް އިމާރާތް ކުރި 4000 ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަތުރު ހަމަވެ ފްލެޓް ލިބެނީ 1820 މީހުންނަށް ކަމަށް މިއަދު ހާމަ ކޮށްފިއެވެ.

ނިމިދިޔަ ސަރުކާރުގައި ފްލެޓްތައް ދޭން އިއުލާން ކޮށް ކުރިމަތިލި މީހުންގެ ތެރެއިން 8660 މީހަކު ޝަތުރު ހަމަވި ކަމަށް ބުނެ އޭރު އިއުލާން ކުރި ނަމަވެސް، މާކްސް ދީފައި ހުރި ގޮތުންނާއި އިހުމާލުތަކުގެ ސަބަބުން ޝަތުރު ހަމަނުވާ އެތައް ބަޔަކު ހިމަނާފައި ވާކަން ވެސް މިހާރު ހާމަވެފައި ވެއެވެ.

ނިމިދިޔަ ވެރިކަން ބަދަލުވާން ކުޑަތަންވެފައި ވަނިކޮށް ނޮވެމްބަރު 15، 2023 ގައި އިއުލާން ކުރި ލިސްޓުގައި 2 ކޮޓަރިއަށް 73 ޕޮއިންޓް އަދި 3 ކޮޓަރިއަށް 75 ޕޮއިންޓް ލިބޭ އެންމެންގެ ފޯމުތައް މިސަރުކާރުން އަލުން ވަނީ ރިވިއު ކޮށްފައެވެ.

މިއަދު ނޫސްވެރިންނާ މުހާތަބު ކުރައްވައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވީ، އޭރު އޮތް އެ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތް ރިވިއު ކުރި އިރު ޝަތުރު ހަމަނުވާ ފަރާތްތަކާއި ޕޮއިންޓް އުނިވެގެން (ޕޮއިންޓް ހަމަނުވި) ފަރާތްތައް ފާހަގަ ވި ކަމަށެވެ.

2 ކޮޓަރީގެ 1250 ފެލެތް އަދި 3 ކޮޓަރީގެ 2750 ފެލްޓް ހިމެނޭ 4000 ޔުނިޓަށް ޝަތުރު ހަމަވި ކަމަށް ކުރީ ސަރުކާރުން ކަނޑައެޅި މީހުންގެ ތެރެއިން 2 ކޮޓަރިއަށް 73 ޕޮއިންޓް އަދި 3 ކޮޓަރިއަށް 75 ޕޮއިންޓް ލިބޭ އެންމެންގެ ފޯމުތައް ރިވިއު ކުރީ ފޯމު ހުށަހެޅި ޕޯޓަލްގެ ތެރެއިން ކަމަށާއި ހުށަހަޅާފައި ހުރި އެއްވެސް ލިޔުމަކަށް ބަދަލެއް ގެނައުމުގެ ފުރުސަތު ފޯމު ބެލި ފަރާތްތަކަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން ވެރިފިކޭޝަން ޕްރޮސެސް ގެންދެވިފައި ވަނީ ރައްކާތެރި ކަމާއެކު ސަރުކާރުގެ ޑޭޓާބޭސްތަކުގައި ހުރި މައުލޫމާތު ބަލައި ޗެކްކޮށް ވެރިފައި ކުރަމުން ކަމަށާއި އެއީ ފޯމު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައި ހުރި މައުލޫމާތު އަޅާ ކިޔައި ބަލައި ވެރިފައި ކުރުމުގެ ޕްރޮސެސް އެއްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މިއަދު ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމު ކުރާއިރު ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ލިސްޓާ ގުޅިގެން ޝަކުވާ އެއް އޮތް ނަމަ މާޗު 1، 2025 ފެށިގެން މާޗު 31، 2025 އާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާ ގުޅޭ ޝަކުވާ 'ގެދޮވެރިން ޕޯޓަލް' މެދުވެރިކޮށް ހުށަހެޅުމަށާއި ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއް ނަމަ އީމެއިލް އަށް ނުވަތަ މިނިސްޓްރީ އަށް އެޑްރެސްކޮށް ސިޓީއަކުން ވެސް ހުށަހެޅޭނެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.