މާފަންނު ގެއެއްގައި ކައްކަން ބޭނުން ކުރާ ގޭސް ފުޅިއެއް ގޮވާ މީހަކަށް އަނިޔާވެއްޖެއެވެ.

މ. އީޒީނައިޓް ގޭގެ 3 ވަނަ ފަންގިފިލާގައި ހިނގި މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ، އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ މިރޭ 20:29 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ގޭސް އެކްސްޕްލޯޝަން ހިނގާފައިވަނީ ގޭސް ފުޅިން އުނދުނަށް ގުޅާފައި ހުރި ހޮޅި ބާރުކުރާ ނަޓު ދޫވެފައި ހުއްޓައި އުނދުން ރޯކުރަން އުޅުމުގެ ތެރޭގައެވެ. އަދި ގޭސްފުޅި ގޮވި ވަގުތު ގޭގައި އުޅޭ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް އެމްއެންޑީއެފް ގެ ފަޔާ ފައިޓަރުން ވަނީ އުނދުނަށް ގުޅާފަ ހުރި ހޮޅި ރަނގަޅުކޮށް، އެކަން ހައްލުކޮށްދީފައި ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.

މި ހާދިސާގައި އެ ގެއަށް ވެސް އެކި ކަހަލައިގެ ގެއްލުންތައް ލިބުނު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.