ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމަށް ހުށަހެޅި ހުށަހެޅުން ފާހެއްނުވިއެވެ.

އިހުސާންގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ރިޔާސަތުން ހުށަހެޅުމުން، ޖަލްސާއަށް ހާޒިރުވި 75 މެންބަރުންގެ ތެރެއިން އެމްޑީޕީގެ 12 މެންބަރުން ފިޔަވައި 63 މެންބަރުން ވޯޓު ދެއްވީ އިހުސާންގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ނުފެންނަ ކަމަށެވެ.

އިހުސާންގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ:

- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް، އެކަން ހުއްޓުވައި، ބްލެކްލިސްޓް ވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ބޮޑު އަގުގައި ހަވާލުކުރި ކަމުގެ ތުހުމަތުގައި

- ފުލުހުން ކުރާ ތަހްގީގުތަކަށް އިހުސާން ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަން ހުރަސް އަޅާ ކަމުގެ ތުހުމަތުގައި

- ޑީއެންއާރުގައި ރައްކާކޮށްފައިވާ އާންމުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް އާންމުންނަށް ނޭނގި ޕީއެންސީއަށް މެންބަރުން އިތުރުކުރި މައްސަލައިގައި

އިހުސާން ވަނީ މީގެން ކޮންމެ ނުކުތާއަކަށް ވެސް ވަކިވަކިން ޖަވާބު ދެއްވައިފައެވެ. އަދި ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.