ޑީއެންއާރުގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީ އަށް މެންބަރުން އިތުރުކުރި ނަމަ، 40،000 މެންބަރުން ޕާޓީއަށް އިތުރުކުރެވުނީސް ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އޭނާގެ މައްޗަށް ހުށަހެޅި އިތުބާރު ނެތް މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން އިހުސާން ވިދާޅުވީ، ޕީއެންސީ ތަމްސީލުކުރައްވާ ވަޒީރުން 500 މީހުން ޕާޓީއަށް ވައްދަން ޕާޓީގެ އިސް ބޭފުޅުން އެދިވަޑައިގެންނެވި ކަމަށާއި، އެހެންވެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ވުޒާރާގެ ސިޔާސީ 50 މުވައްޒަފަކާ މަސައްކަތް ހަވާލުކޮށްފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

މިއީ އެއްވެސް ސަރުކާރަކުން އަލަށް ކުރާ ކަމެއް ނޫން ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ކަން ހިނގައި ދިޔައީ މި އުސޫލުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ދުވަސްތަކުގައި ޕީއެންސީއަށް 40 ހާހަށް ވުރެ ގިނަ ފޯމު ވެއްދިއިރުގަ އަޅުގަނޑު ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން މީހުން ވެއްދިނަމަ 1700 ފޯމެއް ނޫން އަޅުގަނޑުމެން ވައްދާނީ، އެ ނިޒާމުން އަޅުގަނޑުމެން މީހުން ވެއްދި ނަމަ އަޅުގަނޑު 40 ހާސް ވައްދާނީ، އެއީ ކީއްކުރަންތޯ އެހާ ބުރަކޮށް މީހުންނަށް މަސައްކަތް ޖައްސަނީ؟" އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑީއެންއާރުގެ ޑޭޓާބޭހުގައި 270،000 އަށް ވުރެ ގިނަ މީހުން ވޯޓުލާ އާބާދީގެ ގޮތުގައި އެބަތިބި ކަމަށާއި، އޭނާ ބޭނުންނަމަ 30،000 މީހުން ވެސް އެއްފަހަރާ ޕާޓީއަށް ވެއްދޭނެ ކަމަށެވެ.

އިހުސާން ވިދާޅުވިގޮތުގައި ޑީއެންއާރުގެ ޕޯޓަލަށް މިހާރު ވަދެވޭނީ އެކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިހުސާން މިފަދައިން ވިދާޅުވީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް 'ވަގު ފޯމު' ހުށަހެޅި މައްސަލައިގައި އިހުސާނަށާއި ޕީއެންސީއަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލައިގައި ވަނީ ސައްހަ ނޫން ފޯމުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޑީއެންއާރްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ކަމަށާއި އެ އޮފީހުގެ ތެރޭގައި އިހުސާންގެ ބެއްލެވުމުގެ ދަށުން ކަމަށް ތުހުމަތުކޮށްފައެވެ.