ކުރީ ސަރުކާރުގެ ވެރިން މިނިވަންކަމާ އެކު އެ ތިބީ ފުލުހުންގެ ހިދުމަތަށް ސިޔާސީ ނުފޫޒު ނުފޯރުވާތީ ކަމަށާއި، ފޯރުވާ ނަމަ އެ މީހުން ތިބޭނީ ޖަލުގައި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާންގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅި އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަންނަވަމުން އިހުސާން ވިދާޅުވީ، ކުރީ ސަރުކާރުގެ ވެރިން މިނިވަންކަމާ އެކު އެ ތިބީ އޭނާ ފުލުހުންނަށް ސިޔާސީ ނުފޫޒު ނުފޯރުވާތީ ކަމަށެވެ.
އެ ބޭފުޅުންގެ މައްސަލަތައް ދައުލަތުން ތަހްގީގުކުރަމުންދާ ކަމަށާއި ފުލުހުންގެ މަސައްކަތަށް ސިޔާސީ ނުފޫޒެއް ނުފޯރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރު މުއައްސަސާތަކުގެ ތަހްގީގުތައް ހިންގުމަށް ހުރަސް އަޅާ ނަމަ، 'ބިންވެރިޔާ' ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދޫކުރި މައްސަލައާއި، އެފްއެސްއެމުން ތެލުން ވައްކަންކުރި މައްސަލަ އާއި، ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދައި، ފައިސާގެ މުއާމަލާތްތަކުގެ މައްސަލައިގައި ހައްޔަރުކުރި ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައިގެ ތަހްގީގުތައް ކުރިޔަށް ނުހިނގާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
"މި މައްސަލަތަކަށް އަޅުގަނޑު ހުރަސް އަޅާ ނަމަ މީގެން އެއްވެސް މައްސަލައެއް ނުހިނގާނެ ނޫންތޯ؟ މިދިޔަ ފަސް އަހަރު ކިތައް ތަނުގެ މައްސަލަތޯ ހިނގައިދިޔައީ؟ ދަންނަވަންތޯ، މީގެ ތެރެއިން ގިނަ މައްސަލަތަކަކީ މިދިޔަ ފަސް އަހަރު ހިނގާފައި ހުރި މައްސަލަތައް،" އޭނާ ވިދާޅުވިއެވެ.