ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމްގެ މައްސަލައިގައި އިހުމާލުވި ކުރީ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތަހްގީގެއް ހިންގުމަށް އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނާގެ މައްޗަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން އިހުސާން ވިދާޅުވީ، ރާއްޖެ ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ފުރިހަމަކުރަން ބެސްޓިނެޓާ އެކު އެއްބަސްވުމެއްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށެވެ.

15 އަހަރުގެ މުއްދަތަކަށް ވީ އެއްބަސްވުމަށް އަމަލުކުރުން ހުއްޓުނީ 2019 ވަނަ އަހަރު ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ އެތެރެކުރަން ހުއްޓާލަން އޭރުގެ ސަރުކާރުން ނިންމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބެސްޓިނެޓާއި މިދިޔަ ސަރުކާރާ ދެމެދު ބަދަލުކުރި ލިޔެކިޔުންތައް މިއަދުގެ ޖަލްސާގައި އިހުސާން ދެއްކެވިއެވެ. އެ ލިޔެކިއުންތަކަކީ:

- އެއްބަސްވުމާ ގުޅިގެން 13.7 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކޮށްފައިވާތީ ތަފްސީލް ހާމަކޮށް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިމިގްރޭޝަނަށް ބެސްޓިނެޓުން ސެޕްޓެމްބަރު 26، 2019 ގައި ފޮނުވި ސިޓީ، އެ ސިޓީ އަށް ސަރުކާރުން ޖަވާބެއް ނުދޭ

- މި މައްސަލައިގަ ދައުލަތަށް މާލީ ބުރައެއް އުފުލަން ޖެހިދާނެ ކަމަށް ވިދާޅުވެ އޭރުގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން އޭރުގެ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ ލަފަޔަކަށް އެ އަހަރުގެ ޑިސެމްބަރު 11 ގައި އެދުނު ނަމަވެސް ބަންޑާރަނައިބުގެ ލަފައެއް ނުލިބޭ

- ބަންޑާރަނައިބުގެ ލަފާ ނުލިބުމުން އެ މަހުގެ 23 ގައި ކޮންޓްރޯލާ ޖެނެރަލް އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ސިޓީއެއް ފޮނުއްވި، އޭގެ ހަ ދުވަސް ފަހުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބަންޑާރަނައިބުގެ އޮފީހުން ލަފާ ދިން

- ބެސްޓިނެޓަށް ލިބުނު ގެއްލުމުގެ ހޯދަން އޮގަސްޓު 10، 2020 ގަ އެ ކުންފުނި ތަމްސީލުކުރާ ލޯ ފާމަކުން ސަރުކާރަށް ސިޓީ އެއް ފޮނުވި

- އެ އަހަރުގެ ނޮވެމްބަރު މަހު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ލަފަޔަކަށް އިމިގްރޭޝަނުން އޭރު އެދުނު އެކަމަކު އެ ސިޓީއަށް ސަރުކާރު ނިމުނުއިރު ވެސް ޖަވާބެއް ނުދޭ ކަމަށް އިހުސާން ވިދާޅުވި

- ބެސްޓިނެޓުން 13.7 މިލިއަން ޑޮލަރުގެ ބަދަލަކަށް އެދުމުން އިކޮނޮމިކް މިނިސްޓްރީއާއި ބަންޑާރަނައިބުގެ ލަފަޔަކަށް އިމިގްރޭޝަނުން މާޗް 21، 2022 ގައި އެދުނު

- ސަރުކާރުން ޖަވާބެއް ނުދޭތީ އެ އަހަރުގެ ޖުލައި މަހުގެ ހަވަނަ ދުވަހު ހަތް ދުވަހުގެ ޓާމިނޭޝަން ސިޓީއެއް ފޮނުވި

- ބެސްޓިނެޓާ އެކު ހެދި އެއްބަސްވުން ބާތިލުވެފައިވާތީ ދޭނެ ޖަވާބެއް ނެތް ކަމަށް އޮގަސްޓް 25 ގައި ބަންޑާރަނައިބުގެ އޮފީހުން ބުނި، އަދި އޮކްޓޯބަރު 9 ގައި އެއްބަސްވުން އުވުނު ކަމަށް ބުނި

- މާޗް 24، 2023 ގައި ބެސްޓިނެޓުން ވަނީ 13.7 މިލިއަން ޑޮލަރު ދޭން އަންގާފައި

އިހުސާން ވިދާޅުވީ މި ސިސްޓަމް ގެނައުމުން އަހަރަކު އާމްދަނީގެ ގޮތުގައި ސަރުކާރަށް 1.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭ މި މައްސަަލައަށް ހައްލެއް ހޯދާފައިނުވާ ކަމަށާއި އެތައް މިލިޔަން ރުފިޔާގެ ގެއްލުން ދީފައިވާތީ ކުރީގެ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި އޭސީސީއަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.