ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި މި އިންނަވަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ މާލިއްޔަތު ކޮމިޓީން ހުށަހެޅި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ރިޕޯޓަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ބަހުސްކުރައްވައި ދެއްކެވި ވާހަކައާ ގުޅިގެންނެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން މިއަދު މަޖިލީހަށް ތައާރަފްކުރި ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން މީކާއީލް މަސައްކަތްކުރެއްވުމުން ތަކުރާރުކޮށް ރިޔާސަތުން އެކަން ހުއްޓުވުމުން މީކާއީލް ވަނީ އަބްދުއްރަހީމްގެ ހާލުކޮޅާ މެދު ހަމްދަރުދީވާ ކަމަށް ވިދާޅުވެފައެވެ.

"އިއްޒަތްތެރި ރައީސްގެ ހާލުކޮޅާ މެދު ވެސް އަޅުގަނޑު ހަމްދަރުދީވޭ، އިއްޒަތްތެރި ރައީސް، ބަޑި ބައިންދާފައި އިން ރައްޔިތުންގެ މަޖިލީހުގެ ރައީސެއް މެދުވެރިކޮށް..."

މި ހިސާބަށް މީކާއީލްގެ ވާހަކަ ދިއުމުން އަބްދުއްރަހީމް ވަނީ މީކާއީލްގެ ވާހަކަ ހުއްޓުވައި އެ ވާހަކައަށް ރައްދު ދެއްވައިފައެވެ.

"އިއްޒަތްތެރި މެންބަރަކަށް އެނގިވަޑައެއް ނުގަންނަވާނެ އަޅުގަނޑުގެ ސިއްހީ ހާލަތެއް ވެސް އަދި ދިރިއުޅުމުގެ ހާލަތެއް ވެސް އެހެން ހާލަތެއް ވެސް އިނގޭތޯ، އެހެންވީމާ އެއަށް އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ނުއެއް އޮންނާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު މި އިނީ ހަމަ މިނިވަންކަމާ އެކީގަ މި ގޮނޑީގަ، މި ގޮނޑިއަށް އަޅުގަނޑު އިންތިޚާބުކޮށްދެއްވީ މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުން. އަޅުގަނޑަށް ހުރަހެއް މިތަނުގައި އެއްވެސް ކަމަކަށް ނެތް،"

އަބްދުއްރަހީމް ވިދާޅުވީ، އާންމުންނަށް ކަންކަން އޮޅުވާލުމަށް މީކާއީލް މައިކުގެ ބޭނުން ނުކުރެއްވުމަށް ތަކުރާރުކޮށް ދަންނަވާ ކަމަށެވެ.