ރޯދައަށް ސަރުކާރުން ދޫކުރާ މަސްދަޅު ކޭސް ނަގަން ޓޯކަން ދޫކުރާނީ ލިންކެއް މެދުވެރިކޮށް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފިއެވެ.

މަސްދަޅު ކޭސް ހޯދުމަށް މާލޭ ސަރަހައްދުގައި ދިގު ކިއުތަކެއް ހަދާ، އާންމުން ގިނަ ވަގުތު ހޭދަކުރަން ޖެހުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެ އިންތިޒާމު ފަސޭހަ ކުރުމަށް މަސްދަޅު ދޫކުރާ ސަރަހައްދުތައް އިތުރުކޯށް އޮންލައިން ޓޯކަންއެއް ނަގާ ގޮތަށް ބަދަލު ކުރާނެ ކަން އިއުލާން ކޮށްފައި ވަނީ ރޭގައެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އޮންލައިން ޓޯކަން ދޫކުރުން ހަމަޖެހިފައި ވަނީ ލިންކެއް މެދުވެރިކޮށް ކަމަށާއި އެ ލިންކު މިއަދު ހަވީރު ވުމުގެ ހިއްސާ ކުރައްވާނެ ކަމަށެވެ. އިތުރު މައުލޫމާތެއް މިނިސްޓަރު ހިއްސާ ކުރައްވާފައި ނުވެއެވެ.

މީގެ އިތުރުން، މިރެއިން ފެށިގެން 13 ސަރަހައްދަކުން މަސްދަޅު ކޭސް ދޫކުރަން ނިންމާފައިވާ އިރު، މިއީ ހޫނު ގަދަ ދުވަސްވަރު ކަމުން ހަމައެކަނި ރޭގަނޑު މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކޮންމެ ރެއެއްގެ 8 އިން 12 އަށް މަސްދަޅު ކޭސް ދޫކުރާނެއެވެ.

އޮންލައިން ނިޒާމުގެ ތެރެއިން މަސްދަޅު ދޫކުރާ އިރު، މޮބައިލް ފޯނު ބޭނުންކުރަން ދަތި މީހުންނަށް ވެސް އެއްވެސް ދައްޗެއް ނެތި މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އެފަދަ ފަރާތްތަކުން މަރުކަޒަށް ދިއުމުން މަރުކަޒުގައި ތިބޭ މުވައްޒަފުން އެހީވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މަސްދަޅު ކޭސްތައް ދޫކުރުމުގެ އިންތިޒާމުތައް ރަނގަޅުކުރަން އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގާތުން ބަލަމުންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.