ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.
ސައުދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ރައީސް މުއިއްޒުގެ ރަސްމީ "އެކްސް" އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ، ސައުދީ އަރަބިއްޔާގެ ލީޑަޝިޕާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އެގޮތުން ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް-ސައޫދާއި، ސައުދީ އަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދަށް، ދުވަހުގެ ތަހުނިޔާ އަރިސް ކުރާ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ. އަދި ސައުދީ އަރަބިއްޔާގެ ކުރިއެރުމާއި، ތަނަވަސްކަމާއި، ސަލާމަތާއި ހަމަޖެހުމަށް އެމަނިކުފާނު އެދިވަޑައިގެންފައި ވެއެވެ.
ސައުދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، ސައުދީ އަރަބިއްޔާގެ ފުރަތަމަ ދައުލަތް އުފެދުނު ދުވަހާ ގުޅުވައިގެންނެވެ. އެގޮތުން، ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަސް ފާހަގަކުރަނީ، ސައުދީ އަރަބިއްޔާގެ ތައުސީސީ ދުވަހުގެ ގޮތުގައެވެ.