ފަލޫދާ ފަދަ ބުއިމަކާ ނުލާ ރޯދަ ވީއްލުން ފުރިހަމަ އެއް ނުވާނެއެވެ. މިއީ ތައްޔާރުކޮށްލަން ފަސޭހަ އެހާމެ މީރު ބުއިމެކެވެ.
ފަލޫދާގެ އަސްލު އައިސްފައިވާގޮތް އެހާ ސާފު ނޫންނަމަވެސް މި ބުއިމަކީ މިހާރުގެ އިރާން އަދި އިންޑިއާގެ ޒަމާންވީ ކެއުމުގެ ސަގާފަތުގެ ތެރެއިން އައި ބުއިމެއް ކަމަށް ގަބޫލުކުރެވެއެވެ.
މި ބުއިމަކީ އިންޑިއާ، ޕާކިސްތާން އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ވަރަށް މަގުބޫލު އެއްޗެކެވެ. ހާއްސަކޮށް ހޫނު މޫސުމުގައެވެ. އަދި މެދު އިރުމަތީގައާއި، ދެކުނު އިރުމަތީ އޭޝިއާގައާއި، މެދު އޭޝިއާގެ ބައެއް ސަރަހައްދުތަކުގައިވެސް މި ބުއިމުގެ އެކި ވައްތަރުތައް ވަރަށް މަގުބޫލެވެ. އެހެންކަމުން ފަލޫދާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން ބޮއެ އުޅޭ ބުއިމެކެވެ. އާންމުކޮށް ގިނަ ހިސާބުތަކުގައި ފަލޫދާ ހަދާ އުޅެނީ އެއްގޮތަކަށެވެ.
ބޭނުންވާ ތަކެތި:
- ½ ޖޯޑު ގެރިކިރު
- ½ ޖޯޑު ރޯޒް ސިރަޕް
- ½ ސަމުސާ ވެނީލާ އެސެންސް
- 2 ޖޯޑު ފެން
- 2 މޭޒުމަތީ ސަމުސާ އިސްބަގުލޫ (ފޯކޮށްފަ)
- 10 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީ ޖެލީ
- 500 ގްރާމް ވެނީލާ އައިސްކްރީމް
ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ގެރިކިރާއި ފެނާއި ރޯޒް ސިރަޕާއި ވެނީލާ އެސެންސްކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް ގިރާލާށެވެ. ދެން ފިނިކުރުމަށްޓަކައި ފްރިޖަށް ލުމަށްފަހު ބަހައްޓާށެވެ. އެއަށްފަހު ތައްޓަކަށް ފެން އެޅުމަށްފަހު އިސްބަގުލުކޮޅު އަޅާލައި 30 މިނެޓުވަރު ފޯކުރަން ބަހައްޓާށެވެ. އެއަށްފަހު ފޯކުރި އިސްބަގުލު ތެރެއަށް ޖެލީ އަޅާށެވެ.
ދެން ފްރިޖަށްލި ރޯޒް ސިރަޕް ގަނޑު ބިއްލޫރި ތަށްޓަކަށް އަޅާ ގިރާލުމަށްފަހު މަޑުމަޑުން އައިސްކްރީމްކޮޅު ތަށްޓަށް އަޅާށެވެ. ސްޓޯބެރީ ނުވަތަ ވެނީލާ އައިސް ކްރީމްވެސް އެޅިދާނެއެވެ. އެއާއެކު މިހުރީ ފަލޫދާ ތައްޔާރުކުރެވިފައެވެ.