ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުތަކާ ގުޅޭގޮތުން ރައްޔިތުންގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ބައްދަލުކުރައްވައިފިއެވެ.
ދެ ބޭފުޅުން ވެސް ރައީސް އޮފީހުގައި ބައްދަލުކުރައްވާފައި މި ވަނީ ދެ ބޭފުޅުންގެ ގުޅުން ނުތަނަސްވެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ މީޑިއާއަކަށް މިދިޔަ މަހުގެ ފަހުކޮޅު ދެއްވި ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވަނީ ރައީސާއި އޭނާ އާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އޭގެ ފަހުން ދެ ބޭފުޅުން އެކުގައި ފެނުނީ ރައީސް ރިޔާސީ ބަޔާން އިއްވެވި ދުވަހުގައެވެ.
ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު 'އެކްސް'ގައި ލިޔުއްވި ގޮތުގައި ރައީސާއި އަބްދުއްރަހީމް ރައީސް އޮފީހުގައި މިއަދު ބައްދަލުކުރެއްވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މި ދައުރުގައި ހުށަހެޅި ބިލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް ހީނާ ނުދެއްވައެވެ.
"މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރު ވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށް ގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް،" ހީނާ ލިޔުއްވާފައިވެއެވެ.