އެހެން މަސްތަކާ ހިލާފަށް ރޯދަ މަހު ކަރައަކީ ދިވެހިންނާ ވަރަށް ގުޅި ލާމެހިފައިވާ މޭވާގެ ބާވަތެކެވެ. ދިވެހި ރާއްޖޭގައި ވެސް އެންމެ ގިނައިން ހައްދާ މި މޭވާ އަކީ ރޯދަމަހު ދިވެހީންގެ ސުފުރާ މަތި ފަޅު ފިލުވާލަދޭ ބައިވެރިއެކެވެ. ރާއްޖޭގެ އިތުރުން ބޭރުގެ ގައުމުތަކުގައިވެސް ކަރާއަކީ މަގުބޫލު މޭވާއަކަށްވާއިރު އޭގެން ތަފާތު ވައްތަރުގެ ބުއިންތަކާއި ކެއުންތައް ތައްޔާރު ކުރެއެވެ.

މި ރޯދަ މަހު ކޮންމެ ދުވަހަކު ކަރާ ފަނި ހެދުމުގެ ބަދަލުގައި "ދަ ޕްރެސް ބަދިގެ" ސެގްމަންޓުގައި މިއަދު މި ގެނެސްދެނީ ކަރައިން ތައްޔާރު ކޮށްލެވޭ ތަފާތު ބުއިމެއް ކަމަށްވާ ސްމޫތީއެއްގެ ރެސިޕީއެވެ. ކަރާ ބޭނުންކޮށްގެން ތައްޔާރުކުރާ މި ސްމޫތީއަކީ ރޯދަ ވީއްލާ ގަޑިއަށް ތައްޔާރުކޮށްލަން ފަސޭހަ އަދި ހަށިގަޑަށްވެސް ރަނގަޅު ބުއިމެކެވެ.

ބޭނުން ވާނެ ތަކެތި:

  • ބައި ކިލޯ ގަނޑުކުރި ކަރާ
  • 5-6 ގަނޑުކުރި ސްޓްރޯބެރީ
  • 1 ޖޯޑު ގްރީކް ޔޯގަޓް
  • 3/4 ޖޯޑު އަލްމަންޑް މިލްކް
  • މާމުއި

ތައްޔާރު ކުރާނެ ގޮތް:

މިކްސްޗަރަށް ނުވަތަ ފުޑް ޕްރޮސެސާއެއްގައި ގަނޑު ކުރި ކަރާ، ސްޓްރޯބެރީ، ގްރީކް ޔޯގަޓް އަދި އަލްމަންޑް މިލްކް އެޅުމަށްފަހު ހުރިހާ އެއްޗެއް އެއްކޮށް ގިރާލާށެވެ. އަދި އެއަށްފަހު ފޮނި ރަހަ ލާވަރަށް މާމުއި އެޅުމަށްފަހު އެއްކޮށް ގިރާލާށެވެ. އޭރުން ވޯޓާ މެލަން ސްމޫތީ އެހެރީ ތައްޔާރުވެފައެވެ.

ވޯޓާ މެލަން ސްމޫތީ ތައްޔާރު ކުރަނީ

މި ރެސިޕީގައި އެހެން އެއްޗިސް ހިމަނާފައި ނުވި ނަމަވެސް ބައެއް ރެސިޕީ ތަކުގައި އާފަލު އަދި ދޮންކެޔޮ ބޭނުން ކޮށްގެންވެސް މި ބުއިން ތައްޔާރުކޮށް އުޅެއެވެ. އަދި އަލްމަންޑް މިލްކްގެ ބަދަލުގައި އާދައިގެ ރޯ ކިރުގައި ވެސް މި ބުއިން ތައްޔާރު ކުރެވިދާނެއެވެ.