އިސްރަށްވެހިންގެ ކިބައިން ހުނަރުތައް ދަސްކޮށް މައުލޫމާތު ހޯދުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެދިވަޑައިގެންފިއެވެ.

ސާޖިދާ މިފަދައިން އެދިވަޑައިގެންފައި ވަނީ އިސްރަށްވެހިންގެ ނާދީއަށް 1 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި "އިސްވާރުންގެ އަހަރީ އުފާ - 2025" ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ކޮންމެ އިސްރަށްވެއްސަކީ ދުނިޔޭގެ އެތައް ތަޖުރިބާއަކާ މަސައްކަތްތަކަކާއި ހުނަރުތަކުގެ ހަޒާނާއެއްކަން ފާހަގަކުރައްވާ ސާޖިދާ ވަނީ އިސްރަށްވެހިންގެ ތަޖުރިބާތައް އަދި މައުލޫމާތު ޒުވާން ކުދިންނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެއް ޖީލުން އަނެއް ޖީލަށް ތަޖުރިބާތަކާއި ހަނދާންތައް ވާސިލްވަމުންދިއުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއްކަން ސާޖިދާ ފާހަގަކުރެއްވިއެވެ.

ސާޖިދާ ވަނީ އިސްރަށްވެހިންގެ ކިބައިން މައުލޫމާތާއި ހުނަރާއި ތަޖުރިބާ ހިއްސާކުރުމުގެ ފައިދާ ލިބިގަތުމަށް އަދުގެ ކިޔަވާ ކުދިންނަށް ގޮވާލައްވާފައެވެ. އަދި އެކަމުގެ ސަަބަބުން ޒުވާން ކުދިންގެ އިތުބާރު އިތުރުވާނެ، ބަސްތެރިކަން ކުރިއަރާނެ، މައުލޫމާތު ފުންވާނެ ކަމަށް ސާޖިދާ ވިދާޅުވިއެވެ.

ސަޖީދާ ވިދާޅުވީ އުންމީދަކީ އިސްރަށްވެހިންގެ ނާދީއަކީ އިސްރަށްވެހިންގެ ކިބައިން މައުލޫމާތާއި ތަޖުރިބާ މިއަދުގެ ޖީލުތަކަށް ފޯރުކޮށްދޭ ފުރުސަތުތަކެއް ހުޅުވިގެންދާނެ ތަނެއް ކަމުގައިވުން ކަމަށެވެ.

މީގެއިތުރުން އިސްރަށްވެހިންނަށް ހާއްސަކޮށްގެން މަރުކަޒުތަކެއް ގާއިމްކުރަން ނިންމަވައި އެކަން ހަގީގަތަކަށް ހައްދަވަމުން ގެންދަވާކަމީ ދިވެހީންގެ އިޖުތިމާއީ ގުޅުންތައް ބަދަހިކުރައްވަން ރައީސް ދެއްވާ އިސްކަން ހާމަވެގެންދާ ކަމެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.