ރަމަޟާން މަހާއި ދިމާކޮށް، ބާޒާރުމަތީ ފިހާރަތަކާއި ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުން ފަށައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހަކީ މާލޭގެ މަގުތައް އިތުރަށް ހަލަބޮލިވެ، ބާޒާރު ކުރުމަށް ގިނަ ބަޔަކު ނިކުންނަ މަހެއްގެ ގޮތުގައި ފާހަގަ ވާއިރު ޓްރެފިކްގެ މައްސަލަ ހައްލުކުރަން ކޮންމެ ރޯދަމަހަކާއި ދިމާކޮށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މި ރޯދަމަހުވެސް މުދާ އުފުލުމަށާއި އެކި ބޭނުންތަކަށް މަގުމަތީގައި ދުއްވާ އުޅަނދުތަކަށާއި، ހިނގާ ބިގާވެ އުޅޭ މީހުންނަށް ފަސޭހައިން މަގު ބޭނުން ކުރެވޭނެ ގޮތްތަކެއް ފަހި ކުރުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ބާޒާރުމަތީ ފިހާރަތަކާއި ބޯޓު ފަހަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ހަރަކާތެއް ފުލުހުން ފަށާފަވާއިރު މާލެ ސަރަހައްދުގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި ގޮތުން މާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއްވެފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.