ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށް އައްޑޫއަށް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

އެ ބޭންކުން ބުނީ، އާ އޭޓީއެމުން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

މިރޭ އޮތް ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވާދެއްވީ އެ ބޭންކްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފާއި، އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްްމަދު ސައީދެވެ. ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރުވެސް ހިތަދޫ ބްރާންޗުގައި ދެ އޭޓީއެމް ގާއިމްކޮށްފައިވާއިރު، އޭގެ ތެރެއިން އެއް އޭޓީއެމް ހާއްސަ ކުރެވިފައިވަނީ ސެލްފް ސާވިސް ބޭންކިންގެ ހިދުމަތަށެވެ. ދެވަނަ އޭޓީއެމްއަކީ ފައިސާ ނެގުމަށް ހާއްސަކުރެވިފައިވާ އޭޓީއެމްއެކެވެ.

އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ޑޮލަރު އޭޓީއެމް ގާއިމު ކުރުމަކީ އައްޑޫ ސިޓީގައި ޑޮލަރު މުއާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.

""އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން މި ގެނެވުނު ބަދަލާއި އޭޓީއެމްގެ ހިދުމަތް ފުޅާކުރުމާއެކު، ބޭންކުން މި ދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން." ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިން އައްޑޫގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށުން ފޮޓޯ / ބީއެމްއެލް

އައްޑުއަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީއިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސާވިސް ބޭންކިންގް ސެންޓާ، 151 އޭޓީއެމް، އޭޖެންޓު ބޭންކިންގް ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.