ރަސްފަންނާއި ސަލްޓަންޕާކު މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ރަސްފަންނާއި ސަލްޓަންޕާކު މަރާމާތުގެ މަސައްކަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ތައްޔާރީތައްވަމުން އަންނައިރު، ރައީސް މުއިއްޒު ވަނީ މާލޭގެ ރަސްފަންނާއި ސަލްޓަންޕާކުގެ ރީތިކަން އަނބުރާ ގެނެސްދެއްވާނެ ކަމަށް މިއަދު ވިދާޅުވެފައެވެ.
ސީޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގިނަ ދުވަސްތަކެއް ވަންދެން މަރާމާތު ނުކުރެވި ހުރި ސަލްޓަން ޕާކާއި ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް އެ ކައުންސިލުން ފަށާފައިވާ ކަމަށެވެ.
އެގޮތުން 2016 ވަނަ އަހަރު ހުޅުވުނު ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހެދުމަށްފަހު، އެތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ހޯދުމަށް އާންމުކޮށް އިއުލާނުކޮށްފައިވާކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. ސަލްޓަން ޕާކަކީ ހުޅުވުނު ފަހުން އެއްވެސް މަރާމާތެއް ނުކުރެވި ހުރި ތަނެއްކަން ފާހަގަކޮށް ސިޓީ ކައުންސިލުން ބުނީ އެ ތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ރަސްފަންނުގެ މަރާމާތުގެ މަސައްކަތަށް ބަލާއިރު، އެތަނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދޫކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރު އަންނަ ހަފްތާގެ ތެރޭގައި އެތަނުގެ ޗަކަ ނަގައި، މަސައްކަތް ފަށާނެ ކަމަށް އަންގާފައިވާ ކަމަށެވެ.
މީގެއިތުރުން ރަސްފަންނު މަރާމާތްކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދެވުމުގެ ސަބަބުން، އެފަރާތާއެކު ވެފައިވާ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށާއި މީގެފަހުން ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ސީދާ މާލެ ސީޓީ ކައުންސިލުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވެފައި ވަނީ ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށާއި 2 ތަން ވެސް ވީރާނާވަމުންދާ ކަމަށެވެ. އަދި މި 2 ތަނަކީވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ 2 ތަން ކަމަށެވެ.
މި 2 ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެ ވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.