އުމުރުން ދެ އަހަރުގެ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާފައި ހުރި އެ ކުއްޖާގެ ދެވަނަ ކާފަ ނިޔާވެއްޖެއެވެ.
ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މަރުވެފައި ވަނީ ގއ.ކަނޑުހުޅުދޫ / ރިހިވެލި އިބްރާހިމް ދީދީ (62) އެވެ. އޭނާ އަކީ 2020 ވަނަ އަހަރު ކާފަ ދަރިފުޅާ ބެހިގެން ޖަލަށްލި މީހެކެވެ.
ކަރެކްޝަނުން ބުނީ އިބްރާހީމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ.
ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން ރޭ 2:40 ގައި އޭނާ މަރުވިކަމަށް ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ. އެ އިދާރާއިން ބުނީ އޭނާ އަކީ ހައި ބަލްޑް ޕްރެޝާ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށެވެ.
އަދި އޭނާ ނިޔާވިކަން އޭނާގެ އާއިލާ އަަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި އެޗްއާރުސީއެމާއި އެންއައިސީ އަށް އަންގާފައިވާ ކަަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.
އިބްރާހިމް ދީދީއަކީ އެ ކުއްޖާގެ ކާފައެވެ. އެ މައްސަލައިގައި އެ ކުއްޖާގެ މުނިކާފަ ވެސް ހައްޔަރުކޮށް އުމުރު ދުވަހަށް ޖަލަށްލިއެވެ. އެ ކުއްޖާގެ މުނި ކާފަ ހަސަން މޫސާ ދީދީ 85، ވެސް މަރުވެފައި ވަނީ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް 2023 ވަނަ އަހަރުއެވެ.