ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ދިޔަ ފިރިހެން ފަތުރުވެރިއެއް ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރިއަށް ގެންދަން ފަށާފައިވާކަމަށެވެ.
ދާދި ފަހުންވެސް ވަނީ ރ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ބިދޭސީ މުވައްޒަފަކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލިފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ގެއްލިގެން ރިޕޯޓުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އާފްތާބް ހާން (25އ.) އެވެ.
އާފްތާބް ހާން އަދިވެސް ފެނިފައިނުވާއިރު ފުލުހުން ވަނީ ސާޗް އޮޕަރޭޝަނުގެ ދަށުން އިފުރު، މާނެންފުށި، ލުންބޮކަންދޫ އަދި އަރިޔަދޫގެ ވަށައިގެންވާ ސަރަހައްދު ބަލާފައިވާކަމަށްވެސް ބުނެފައެވެ.
މީގެ ކުރިންވެސް ރިސޯޓު ތަކުން މޫދަށް އެރި އުޅޭ ފަތުރުވެރިންނަށާއި މުވައްޒަފުންނަށް އެކި ހާދިސާތައް ދިމާވެފައިވާކަން ފާހަގަކޮށްލެވެއެވެ.