ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާން މަރިޔަމް ނަޒާހާގެ މައްޗަށް ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފިއެވެ.

ޖޫން 2010 ގައި ނަޒާހާގެ ކުރީގެ ފިރިމީހާ، މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަމަށް އިއުތިރާފުވުމުން އޭނާ 25 އަހަރަށް ޖަލަށްލާން އޭރުގެ ޖިނާއީ ކޯޓުން ހުކުމް ކުރީ 2011 ވަނަ އަހަރުއެވެ. ކްރިމިނަލް ކޯޓުން ކުރި އެ ހުކުމަށް ހައި ކޯޓުންވެސް ތާއީދު ކޮށްފައިވާއިރު އެ މައްސަލަ ނަޒާހާގެ ފަރާތުން އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ވެސް މިވަނީ ނާކާމިޔާބު ވެފައެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އެގޮތުން މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވި، އުއްތަމަ ފަނޑިޔާރުގެ ރައުޔަކީ ހައިކޯޓުގެ އަދި ދަށު ކޯޓުގެ ހުކުމަށް ބަދަލު ނުގެނައުމެވެ. އަދި އެ ރައުޔަށް، ޑރ. އަޒްމިރާލްދާ ޒާހިރު އަދި އަލީ ރަޝީދު ހުސެއިން ވަނީ ތާއީދު ކޮށްފައެވެ.

ނަމަވެސް އެއާ ހިލާފަށް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ޑރ. މުހައްމަދު އިބްރާހީމް ނިންމެވީ ނަޒާހާގެ ޖަލު ހުކުމް ބާތިލްކޮށް، ގަސްދަކާ ނުލައި މެރުމުގެ އަދަބު ކަނޑައެޅުމަށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ.

ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ފާހަގަ ކުރެއްވި ކަންތައްތަކުގެ ތެރޭގައި:

  • މެރުމުގެ ގަސްދެއް އޮތްތޯ ބަލަން ޖެހޭނީ މަރާލުމަށް ބޭނުންކުރި ހަތިޔާރާއި ހަމަލާދިން ގޮތާއި އެކަމުގެ ވަށައިގެންވާ ކަންކަމަށް ބަލައިގެން ކަމަށް ނަމަވެސް އެ މައްސަލާގައި ޝާހިދަށް ހަމަލާދީފައިވަނީ ފަސް އިންޗި ހުންނަ ވަރުގެ ވަޅިއަކުން ކަމަށެވެ.
  • މަޖުބޫރީ ހާލަތުގައި ނަފްސުގެ ދިފާއުގައި ކުރާ ކަމެއްގެ ސަބަބުން އެހެން މީހަކު މަރުވުމަކީ އިސްލާމީ ޝަރީއަތުގެ ދަށުން މާފު ލިބިގެންވާ ކަމަށްވީ ނަމަވެސް، އެ ކުރާ ކަމަކީ ހާލަތާ އެކަށީގެންވާ ބާރެއް ބޭނުންކޮށްގެން ކުރާ ކަމަކަށް ވާން ޖެހޭނެ ކަމަށް
  • ނަޒާހާއަށް ކުރިމަތިވި ހާލަތަށް ބަލާއިރު، އެހެން މީހަކު މަރާލަން ހުއްދަވާ ފަދަ މަޖުބޫރީ ހާލަތެއް ނެތް ކަމަށް
  • އަދި ޝާހިދަށް ހަމަލާދިން ވަގުތު ނަޒާހާއަށް އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވިކަން އެނގެން ނެތުމުން އެއީ ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށް ބެލެވޭކަށް ނެތް
  • އަދި ބުއްދިއަށް އުނިކަން އައިސްފައިވުމުގެ ދިފާއު ނަޒާހާއަށް ލިބިފައިވޭތޯ ބަލާއިރު، އެފަދަ ކަމެއް އޭރު ނަޒާހާއަށް ދިމާވެފައިވާކަން އެނގޭނެ މެޑިކަލް ލިޔުމެއް އެއްވެސް މަރުހަލާއެއްގައި ނަޒާހާގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށް

މި މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ނަޒާހާ މީގެ ކުރިން ކޯޓުގައި ބުނެފައިވަނީ ޝާހިދު މަރާލީ ގެވެށި އަނިޔާއިން ސަލާމަތްވުމަށް އަމިއްލަ ދިފާއުގައި ދިން ހަމަލާއަކުން ކަމަށެވެ. އަދި އެކަން ފުލުހުންނަށް ރިޕޯޓުކޮށް އޭނާ ތަހުގީގުގައި ކުށަށް އިއުތިރާފުވި އެވެ.