ދެ ބޮންޑެޑް ވެއާހައުސްގައި ހުރި ސިނގިރޭޓު ކޭސްތަކެއް ގަވާއިދާ ހިލާފަށް ނެރުނު މައްސަލައިގައި ޝަރީއަތް މެދުވެރިކޮށް 67.9 ރުފިޔާ ހޯދަ ދިނުމަށް އެދި ކަސްޓަމްސްއިން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައިފިއެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އެގްޒޮޓީކް އެންޓަޕްރައިސެސް ބޮންޑެޑް ވެއާހައުސްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޮންޑެޑް ވެއާ ހައުސްއަކުން 575 ކޭސް ސިނގިރޭޓު ގަވާއިދާ ހިލާފަށް ނެރެފައިވެއެވެ.

އޭގެތެރޭގައި ހިމެނެނީ ބޮންޑެޑްވެއާހައުސްގައި ހުންނަންޖެހޭ ކެމަލް ޔެލޯ ބްރޭޑްގެ 165 ކޭސް ސިނގިރޭޓާއި، އެމެރިކަން ލެޖެންޑް ބްރޭންޑްގެ 110 ކޭސް ސިނގިރޭޓާއި މެންޗެސްޓާ ރޯޔަލް ބްރޭންޑްގެ 300 ކޭސް ސިނގިރޭޓު ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެސްޖީއެމް ބޮންޑެޑް ވެއާހައުސްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓްރީ ކޮށްފައިވާ ބޮންޑެޑްވެއާހައުސް ކަސްޓަމްސްއިން ޗެކްކުރިއިރު، އެ ބޮންޑެޑް ވެއާހައުސްގައި ހުންނަންޖެހޭ އެމެރިކަން ލެޖެންޑް ބްރޭޑްގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލަސެސް ބްރޭންޑްގެ 130 ކޭސް ފައިޕް ޓޮބޭކޯ ގަވާއިދާ ހިލާފަށް ބޮންޑެޑްވެއާހައުސްއިން ނެރެފައިވާކަން ފާހަގަކުރެވިފައިވާކަން ވެސް ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ.

މި 2 މައްސަލަ ފުލުހުންގެ ހިދުމަތާ ގުޅިގެން ތަހުގީގުކުރަމުންދާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

ކަސްޓަމްސްއިން ބުނީ މި 2 ބޮންޑެޑްވެއާހައުސްގެ ރަޖިސްޓްރީ ބާތިލުކޮށް މި މައްސަލައިގައި ހިމެނޭ މުދަލަށް އެގްޒޯޓީކް އެންޓަޕްރައިސެސް ބޮންޑެޑްވެއާހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 47،182،011.86 ރުފިޔާ އަދި އެސްޖީއެމް ބޮންޑެޑްވެއާހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 20،720،412.54 ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށްޓަކައި، މި ދެ މައްސަލަ ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

ބޮންޑެޑްވެއާހައުސް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާހައުސްތަކުގައި ނުބެލެހެއްޓޭގޮތަށާއި މީހުން ދިރިއުޅޭ އިމާރާތެއްގައި ނުވަތަ އިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއާހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ އާންމު ގަވާއިދަށް މީހާރު އިސްލާހު ގެނެސްފައިވާކަން ވެސް ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ.