ބޭރު ފައިސާ މާރު ކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހާ އެއްގޮތަށް ބޭންކްތަކަށް ރިސޯޓްތަކުން 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކޮށްފައިވާ ކަމަށާއި ރާއްޖޭގެ ރަސްމީ ރިޒާވް 708 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 708.1 މިލިއަން ޑޮލަރުގައި ކަމަށާއި މިއީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ އަޅާބަލާއިރު 5 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރު ފައިސާގެ މިންވަރު ވަނީ ޑިސެމްބަރު މަހާ އަޅާބަލާއިރު 12 ޕަސެންޓް އިތުރުވެފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން، މި މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެފައި ވުމަކީ ވެސް މީގެ ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ. މިދިޔަ މަހުގެ ނިޔަލަށް، ލިބުނު އާމްދަނީއަށް ބިނާކޮށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ރިސޯޓްތަކުން ބޭންކްތަކަށް މާރުކޮށްފައިވާ ކަމަށް އެމްއެމްއޭން ބުނެއެވެ. މި މުއްދަތުގައި، ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން 90 ޕަސެންޓް ރިސޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާތީ، ފަތުރުވެރިކަމުގެ ސިނާއަތުން މިކަމަށް ލިބޭ އެއްބާރުލުން ފާހަގަކުރާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި އިސްލާހަށް މިދިޔަ އޮކްޓޯބަރު މަހުގެ އަމަލުކުރަން ފަށާފަިއވާ އިރު، އެ ގަވައިދުގައިވާ ގޮތުގައި ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެއެވެ. ނަމަވެސް އެ ކަން އެގޮތަށް ނުވާނެ ކަމަށް ބުނެ ގިނަ ރިސޯޓު ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަނީ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިހުތިޔާރު ބޭނުން ކުރެވޭ ގޮތަށް ގާނޫނު ފާސްކޮށްފައެވެ

ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި މިދިޔަ ނޮވެމްބަރު 17 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭރު ފައިސާ މާރުކުރުމުގެ ގަވައިދާ ގެނައި ބަދަލާ އެކު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލިބޭނެ ފައިދާތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން 2026 ގެ ފުރަތަމަ ކުއާޓަރު ތެރޭގައި ރާއްޖެއިން ބޭރަށް ދާ ދިވެހިން އެއާޕޯޓުން 1000 ޑޮލަރު މާރުކުރެވޭނެ ގޮތަ ހަމަޖައްސާނެ ކަމަށާއި 2026 ގެ ފުރަތަމަ ކުއާޓަރު ނިންމާލާއިރު، ކްރެޑިޓް ކާޑުގެ ލިމިޓް 1400 ޑޮލަރަށް އިތުރު ކުރެވޭނ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު 2025 ގެ މެދުތެރެއަށް ވިޔަފާރުވެރިން މުދާ އިމްޕޯޓް ކުރުމަށް ބޭންކްތަކުން ޓީޓީ ހަދަން ދޫކުރާ ލިމިޓް އިތުރުު ކުރެވޭނ ކަމަށާއި ސަރުކާރު ކުންފުނިތަކަށް ކަޅު ބާޒާރުން ޑޮލަރު ގަތުމުގެ ބަދަލުގައި ބޭންކް ރޭޓްގައި ޑޮލަރު ގަނެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.