ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ ބޭސްތައް ލިބޭނެ ކަން ކަށަވަރުކޮށް ދިނުމަށް އެސްޓީއޯ ފާމަސީތަކުން ވިއްކާ ބޭސްތަކުގެ ސްޓޮކް ޑޮކްޓަރުން ބެލޭނެގޮތަށް އޮންލައިން ޕްލެޓްފޯމެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން ބުނީ، ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގުޅިގެން މިއަދު ވަނީ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާގެ ބާވަތްތައް ހޯދުމުގައި ދިމާވާ އުނދަގޫތަކާ މެދު ހުރިހާ ފަރާތްތަކުން ފާހަގަކުރާ މައްސަލަތައް ހިއްސާކޮށް، އެކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި، ފަސޭހަކަމާއެކު ބޭސް ލިބޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މި ބައްދަލުވުމުގައި ނިންމުނު މުހިންމު ކަންކަމުގެ ތެރޭގައި ބޭހާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، އެސްޓީއޯ، އާސަންދަ، އެމްއެފްޑީއޭ، މޯލްޑިވްސް ޑޮކްޓާސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހިމެނޭ ގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. މި ކޮމިޓީގެ ސަބަބުން ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށް ވެސް ދިމާވާ ދަތިތަކާމެދު މަޝްވަރާކޮށް، އެކަށީގެންވާ ރަނގަޅު މައުލޫމާތުގެ އަލީގައި އަވަސް ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މީގެއިތުރުން، އެސްޓީއޯއިން އެތެރެކުރާ އަދި އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މައުލޫމާތު ވަގުތުން ބެލޭނެގޮތަށް، ޑޮކްޓަރުންނަށް ހާއްސަކޮށްގެން އޮންލައިން ޕްލެޓްފޯމްއެއް ގާއިމްކުރުމަށްވެސް ވަނީ ނިންމާފައި ކަމަސް އެ ކުންފުނިން ބުނެއެވެ.
ބޭހުގެ އަގުތައް ކޮންޓްރޯލް ކުރި ފަހުން މާލޭގެ ފާމަސީތަކުން ބޭސް ލިބުމުގެ ދަތިކަމުގެ ޝަކުވާތަކާއި ކަންބޮޑުވުން ބައެއް ފަރާތްތަކުން އަންނަނީ ހިއްސާ ކުރަމުންނެވެ. އަމިއްލަ ބައެއް ފާމަސީތަކުން ބޭސް ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، އެސްޓީއޯ ފާމަސީތަކުން ވެސް ބޭސްލިބުމުގައި ހުރަސްތަކެއް އެބަ ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ
މި ކަމާ ގުޅިގެން އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް ވިދާޅުވީ، ރާއްޖެއިން ބޭސް ލިބޭނެ ކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ.