އަންނަ ރަމަޟާން މަހު އުމްރާ އަށް ދާ އުމްރާވެރިންގެ ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1،750 ޑޮލަރަށް އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ބީއެމްއެލްގައި ދަންނަވައިފިއެވެ.

މިއަދު މެންދުރުފަހު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އަންނަ ރަމަޟާން މަހު އުމްރާ އަށް ދާ އުމްރާވެރިން ބޭންކް ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ އުމްރާވެރިއެއްގެ ބީއެމްއެލް ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު އިތުރުކުރަން ނިންމަވާފައިވާ ކަމަށެވެ.

"ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި އެމްއެމްއޭ އަށް ދަންނަވައިފިން،" އެމަނިކުފާނުގެ ޕޯސްޓުގައި ވެއެވެ.

އޭރުން ޑެބިޓް ކާޑުގެ މިހާރުގެ ޑޮލަރު ލިމިޓު ކަމަށްވާ 250 ޑޮލަރުގެ އިތުރުން، އުމްރާވެރިންގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓަށް 1،500 ޑޮލަރު އިތުރުވެގެން ދާނެއެވެ.