މިދިޔަ ޑިސެމްބަރު މަހު ޓެކްސީ ޑްރައިވަރުން އިހްތިޖާޖުގައި އަމަލުކުރި ގޮތުން އެތައް ބަޔަކަށް ދަތިވި ކަމަށާއި، އެ ދުވަހު ފުލުހުން ކުރި ކަމަކީ އާންމުންގެ ހައްގުތައް ހިމާޔަތްކޮށްދިނުން ކަމަށް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ޓެކްސީ ޑްރައިވަރުން ހުޅުމާލެ ހައިވޭ ކައިރީ ކުރި އިހްތިޖާޖާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރުންނާއި ޓޯ ކުރި އުޅަނދުފަހަރު ދޫކޮށްލުމަށް ގޮވާލައްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.
މީކާއީލްގެ ކުއްލި މައްސަލައިގައި ވިދާޅުވީ ޓެކްސީ ޑްރައިވަރުން ކުރި އިހްތިޖާޖަށް ސަރުކާރުން ހުރަސްއަޅައި ޓެކްސީތައް ޓޯ ކުރީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް ކަމަށެވެ. އަދި މިއީ ޓެކްސީ ޑްރައިވަރުން ކާން ބޯން ކުރާ މަސައްކަތަށް ހުރަސް އަޅައި އެ ފަރާތްތަކުގެ އާއިލާތައް ހާލުގައި ޖެހޭނެ ކަމާ މެދު އެއްވެސް ފަރުވާލެއް ނެތި، ޓެކްސީ ޑްރައިވަރުންގެ އަޑު ކަނޑުވާލުމަށް ކުރި ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސްކުރައްވަމުން މުސްތަފާ ވިދާޅުވީ، އިހްތިޖާޖު ކުރިޔަށް ދިޔަ ވަގުތު އޭނާ އެ ސަރަހައްދުގައި ހުންނެވި ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ފަރާތްތަކަށް މަގު ދެއްކުމުގައި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.
"ސުލްހަވެރިކަމާ އެކީގަ މުޒާހަރާކުރުމުގެ ފުރުސަތު މި ސަރުކާރުން ވަރަށް ރަނގަޅަށް ދެއްވި، އެ ބޭފުޅުން ހަމަ ބޭނުން ވާހަކައެއް ބޭނުން އެއްޗެއް އެތާ ވިދާޅުވަމުން ގެންދެވީ،" މުސްތަފާ ވިދާޅުވިއެވެ.
"އެކަމަކަށް ހުރަސް އަޅައި އެކަހަލަ އެއްވެސް ކަމެއް ހުރަސް އެޅުމަށްޓަކައި ބަންދުކުރުމަށްޓަކައި ނުވަތަ ޓެކްސީ ޑްރައިވަރުން އެ ދުވަހު އިހްތިޖާޖުކުރަމުން ގެންދިޔަ އިހްތިޖާޖު ހުއްޓުވާލުމަށްޓަކައި ވެސް ސަރުކާރަކުން ނުވަތަ ފުލުހުންގެ ފަރާތަކުން އެއްވެސް ހަރުކަށި އަމަލެއް ނުހިންގާކަން އަޅުގަނޑަށް ހަމަ ކަށަވަރުކޮށް ޔަގީންކޮށްދެން،"
އެކަމަކު އާންމުންނަށް އުނދަގޫވާ ގޮތަށް އިހްތިޖާޖުކުރަން ޖާގަ ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ، ޓެކްސީ ޑްރައިވަރުން ކުރި އިހްތިޖާޖުގެ ސަބަބުން އެމްބިއުލާންސްތަކަށް ނުދެވުމާއި ހުޅުލެއަށް ގަޑިޖެހިގެން މުވައްޒަފުންނަށް ދާން ޖެހުން ފަދަ ދަތިތައް އެތައް ބަޔަކަށް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ އެދުވަހު ފުލުހުން ކުރި ކަމަކީ އާންމުންގެ ހައްގުތައް ހިމާޔަތްކޮށްދިނުން ކަމަށެވެ.