ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ ބޭސްތައް ލިބޭނެ ކަން ކަށަވަރުކޮށް ދޭނެ ކަމަށާއި ދިމާވާ ދަތިތައް ހައްލު ކުރިމަށް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ބޭހުގެ އަގުތައް ކޮންޓްރޯލް ކުރި ފަހުން މާލޭގެ ފާމަސީތަކުން ބޭސް ލިބުމުގެ ދަތިކަމުގެ ޝަކުވާތަކާއި ކަންބޮޑުވުން ބައެއް ފަރާތްތަކުން އަންނަނީ ހިއްސާ ކުރަމުންނެވެ. އަމިއްލަ ބައެއް ފާމަސީތަކުން ބޭސް ލިބުމުގައި ދަތިތަކެއް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، އެސްޓީއޯ ފާމަސީތަކުން ވެސް ބޭސްލިބުމުގައި ހުރަސްތަކެއް އެބަ ހުރި ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝިމާދު ވިދާޅުވީ، ރާއްޖެއިން ބޭސް ލިބޭނެ ކަން ކަށަވަރު ކޮށްދެއްވާނެ ކަމަށެވެ. ބޭސް ލިބުމުގައި ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް މި ވަގުތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އާސަންދަ އާއި އަދި ބައެއް ޑޮކްޓަރުންނާ މަޝްވަރާ ކުރައްވައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެސްޓީއޯ ފާމަސީތަކުން ބޭސް ދޫކުރުމުގައި ދަތިތަކެއް ދިމާވަމުން އަންނަ މައިގަނޑު ސަބަބަކީ ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު ވަކި ބްރޭންޑެއްގެ ނަން ލިޔާތީ ކަމަށާއި އެ ބޭހުގެ ޖެނެރިކް ނަން ލިޔުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ޝިމާދު ވިދާޅުވިއެވެ. މި ކަމުގައި ކުރެވޭ މަޝްވަރާތަކުގައި ޖެނެރިކް ނަން ލިޔުނު ކަމުގައި ވިޔަސް ފާމަސީތަކުން ބޭސް ދޫކުރުމުގައި މައްސަލަ ދިމާވެދާނެ ކަމަށް ބައެއް ޑޮކްޓަރުން ވިދާޅުވެފައި އެބަ ހުރި ކަމަށް ޝިމާދު ވިދާޅުވިއެވެ.
މި ވަގުތު ރާއްޖޭގައި ދާއިމީ ބަލިތަކަށް ބޭނުން ކުރާ ބޭސްތައް ލިބުމުގައި ހުރަސްތަކެއް ދިމާވަމުން އަންނަ ކަމަށް ބުނެ ދެކެވޭ ވާހަކައާ ގުޅުވައި ޝިމާދު ވިދާޅުވީ، ހަކުރާއި ޕްރެޝަރަށް ކާ ބޭސްތައް އެއްވެސް ދަތިކަމަކާ ނުލައި ލިބެން ހުންނާނެ ކަމަށެވެ. މި ބޭސް ފޯރުކޮށް ދިނުމުގައި ހުރި ދަތިކަމަކީ އެއް ރަށުން އަނެއް ރަށަށް ބޭސް ފޯރުކޮށް ދިނުމުގައި ހުންނަ ދަތިތައް ކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ. ބައެއް ރަށްރަށަށް ބޭސް ފޯރުކޮށް ދިނުމުގައި ލަސްތަކެއް ހުރި ކަން ފާހަގަ ކުރައްވައި ޝިމާދު ވިދާޅުވީ، މިކަން ވެސް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މި ކަމަށް އެންމެ އެކަށީގެންވާ ހައްލެއް ލިބޭނީ ހަކުރު އަދި ޕްރެޝަރުގެ ބޭސް ބޭނުން ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައިގެން ކަމަށް ދެކެވަޑައިގަމްނަވާ ކަމަށް ވެސް ޝިމާދު ވިދާޅުވިއެވެ. ތެލެސީމިއާ ބޭސް ފޯރުކޮށް ދިނުމުގައި ވެސް ބަލަމުން އަންނަނީ ދަފްތަރަށް ކަމަށާއި، މީހުން އެއް ތަނުން އަނެއް ތަނަށް ބަދަލުވާ އިރު ދަފްތަރުން އެކަން ފެންނަން އޮންނާތީ ބޭސް ފޯރުކޮށް ދިނުމުގައި ފަސޭހަ ވާ ކަމަށް ޝިމާދު ވިދާޅުވިއެވެ.
އެހެންކަމުން ދާއިމީ ބަލިތަކަށް ވެސް ދަފްތަރެއް އެކުލަވާލައިފި ނަމަ މި ހުރަސްތައް ނައްތާލެވޭނެ ކަމަށާއި ބޭސް ލިބުމުގައި މިހާރު ދިމާވާ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް ޝިމާދު ވިދާޅުވިއެވެ.