ރޯދަމަހާ ދިމާކޮށް އާންމުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ މި އަހަރުގެ ރޯދަ މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެގޮތުން ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން މައިގަނޑު ދެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއީ "މައިންޑްފުލް ރަމަޟާން" ނަމުގައި ކުރިއަށް ގެންދެވޭ ވޯކްޝޮޕަކާއި، "މަރުހަބާ ރަމަޟާން" ގެ ނަމުގައި ބާއްވާ ބޮޑު ދަރުހެވެ. "މަރުހަބާ ރަމަޟާން" ދަރުހަކީ މާލެ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުހަކަށްވާއިރު މިދިޔަ އަހަރުވެސް މި ދަރުހަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން އިސްލާމިކް މިނިސްޓްރީ އިން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓްރީ އިން ބުނީ މާލޭގައި 8 އިހްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، 7 ރަށެއްގައިވެސް މިއަހަރު މި ފޯރަމް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސްކޫލް ދަރިވަރުންގެ މެދުގައި ރޯދަ މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދަރިވަރުންގެ 6 އިހްޔާ ފޯރަމެއް ކުރިއަށް ގެންދިއުމަށްވެސް އިސްލާމިކް މިނިސްޓްރީ އިން ވަނީ ނިންމާފައެވެ.

ކޮންމެ ހޮނިހިރު ދުވަހު މާލޭގައި އައުޓްރީޗް ޕްރޮގުރާމު ހިންގުމަށް ނިންމާފައިވާކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީ އިން ބުނީ މި ޕްރޮގުރާމުގައި ކުޑަކުދިން ޝައުގުވެރިވާނެ ކުޅިވަރު ހަރަކާތްތަކާއި، ދީނީ ކައުންސެލިން ދިނުމާއި މުސްހަފް އަދި ދީނީ ފޮތް ހިމެނޭ ސްޓޯލްތައް ހެދުމަށް ހަމަޖެހިފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ މި ޕްރޮގްރާމުތަކަކީ ރައްޔިތުންގެ މެދުގައި އިސްލާމްދީނުގެ ޝިއާރު ފާޅުކޮށް، ރޯދަ މަހުގެ ރޯދައާއެކު އަޅުކަމަށް ރައްޔިތުން އިތުރަށް ހީވާގިކޮށް ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމްތަކެއް ކަމަށެވެ.