މިހާރުވެސް ސުކޫލުތަކަށް 230 އަށްވުރެ ގިނަ ޕްރައިމަރީ ޓީޗަރުން އަދި 600 އަށްވުރެ ގިނަ ސެން ޓީޗަރުން ބޭނުންވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޝަފީއު މިފަދައިނަ ވިދާޅުވެފައިވަނީ ރައީސް މުއިއްޒު މި މަހުގެ 6 ވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނާއި ގުޅިގެން 'ރިޔާސީ ބަޔާން 2025' ގެ ނަމުގައި ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ޝަފީއު ވިދާޅުވީ ރާއްޖޭގެ ސުކޫލުތަކަށް މިހާރުވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ގިނަ އަދަދަކަށް ބޭނުންވާ ކަމަށާއި 600 އަށްވުރެ ގިނަ ސެން ޓީޗަރުން މިވަގުތުވެސް ބޭނުންވާކަމަށެވެ.
މިހާރު ވެސް 230 އަށްވުރެ ގިނަ ޕްރައިމަރީ ޓީޗަރުންވެސް ބޭނުންވާކަން ފާހަގަކުރައްވަމުން ޝަފީއު ވިދާޅުވީ ރައީސްގެ ހާއްސަ ލަފާފުޅާ އެއްކޮށް މި ދާއިރާއަށްއަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޝަފީއު ވަނީ ތައުލީމީ ދާއިރާއަށް އިތުރަށް ޒުވާނުން ބޭނުންވާކަން ފާހަގަކުރައްވާ ޓީޗިން ކޯސްތައް ހެދުމަށް އިލްތިމާސްކުރައްވާފައެވެ. މިއާއެކު ޓީޗަރުން ބިނާކުރުމުގެ ގައުމީ ޕްރޮގްރާމުގައި 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ ކުރިއަށް އޮތް 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭ އެކަށީގެންވާ ތައުލީމީ ޒުވާން ޓީޗިން ފޯސްއެއް ބިނާކުރެވިގެން ދާނެ ކަމަށެވެ.
މިގެއިތުރުން ޝަފީއު ވަނީ ތައުލީމީ ދާއިރާއަށް ގެންނަ ތަރައްގީގެ ތެރެއިން ދަރިވަރުންގެ މައުލޫމާތުތައް ބެލެނިވެރިންނަށް ވަގުތުން ވަގުތަށް ބަލާލެވޭނެ ގޮތަށް އާ ސިސްޓަމެއް ތަރައްގީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށްވެސް ވިދާޅުވެފައެވެ. މިއީ 45 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.