ބައިނަލްއަގްވާމީ ފަރާތްތަކުން ގާޒާގެ ބިންތައް ހިފާ، ފަލަސްތީނުގެ ރައްޔިތުން ނެރުމަށް ކުރާ އެންމެހާ މަސައްކަތްތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ގާޒާ ފޭރިގަނެ، އަމިއްލަ ވަޒަނުން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް، އެހެން ގައުމުތަކަށް ބަދަލު ކުރާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އިޒްރޭޅުގެ ބޮޑުވަަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.

ގާޒާ ފޭރިގަތުމާ ސައުދީ އަރަބިއްޔާއިން ދެކޮޅު ނުވާނެ ކަމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކޮށްދިނުމުގެ ވައުދު ފުއްދުމަށް ސައުދީ އަރަބިއްޔާއިން ޝަރުތު ނުކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕުގެ އެ ވާހަކަތަކަށް އެކި ގައުމުތަކުން ފާޑު ކިޔުންތައް އަމާޒު ކުރަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ބައިނަލްއަގްވާމީ ގާނޫނާއި އދ.ގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ދިވެހިރާއްޖެއިން ކުރާ ތާއީދު ތަކުރާރުކޮށް އެކަމަށް ގޮވާލާ ކަމަށެވެ.

އަދި އދ.ގައި ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ވެސް ތަކުރާރު ކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. ހަމަ އެހެންމެ ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް އާބާދީތައް ގާއިމުކުރުމާއި ފަލަސްތީނުގެ ބިންތައް ހިފުމާއި ގާޒާއިން ފަލަސްތީނުގެ ރައްޔިތުން ނެރުމަށް ކުރާ އެންމެހާ މަސައްކަތްތައް ވަނީ ކުށްވެރިކޮށްފައެވެ.

ބައިނަލްއަގްވާމީ ގާނޫނުތައް ނެގެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކޮށްދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި މި މައްސަލައަށް ދާއިމީ ނިމުމެއް އަންނާނީ ސުލްހައިގެ މަޝްވަރާގެތެރެއިން މިނިވަން ދެ ދައުލަތް ގާއިމްކޮށްގެން ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ގާޒާއަށް ދެމުންދިޔަ ހަމަލާތައް ނިމުމަކަށް ގެނެސްފައިވީ ނަމަވެސް އެ ގައުމުގެ ރައްޔިތުންގެ ގެދޮރާއި އެ ސަހަރުގެ އުމްރާނީ ވަސީލަތްތައް ސުންނާފަތި ކޮށްލާފައި ވަނީ އެމެރިކާގެ ވާތްގާއި އެހީތެރިކަމާ އެކު އެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފެށި އުދުވާން ނިމުމަކަށް ގެނެސްފައި ވަނީ ގާޒާގެ ވެރިކަން ކުރާ ހަމާސް ޖަމާއަތާއި ޔަހޫދީންނާ ދެމެދު ހުސްނި ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.

ޓްރަމްޕް ވަނީ ގާޒާ ފޭރިގަތުމުގެ މައިގަނޑު ބޭނުމަކީ، އެ ބިމުން އިގްތިސާދީ ނަފާ ހޯދުން ކަމަށް ވިދާޅުވެފައެވެ. ގާޒާގެ ރައްޔިތުން މިސްރާއި އުރުދުނަށް ބަދަލުކޮށް، އެ މީހުން ދިރިއުޅޭނެ ބިންތަކެއް ކަނޑައެޅައިދިނުމަށް އޭނާ ވަނީ އެ ދެ ގައުމުގެ ވެރިންނަށް ގޮވައިލައްވާފައެވެ. ނަމަވެސް، އެ ގައުމުތަކުން ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ.