ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރާ ކޮންމެ ދިވެއްސަކަށް އަންނަ އަހަރު 1000 ޑޮލަރު ލިބިގެން ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026 ގެ ފުރަތަމަ ކުއާޓާގައި ދެގުނަކޮށް އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވިގެން ދާނެ ކަމަށެވެ. އަދި 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކުރެވިގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި ކަމަކީ ގާނޫނު ތަންފީޒުވެގެންދާ މިންވަރަކުން ދިވެހި ރައްޔިތުންނަށް ސީދާ ފައިދާ ލިބި، ފުދުންތެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ. މިއާއެކު ރައީސް ވަނީ މިކަމަށް ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތައް އަދި މި ގާނޫނުން ޑޮލަރު މާރުކުރަންޖެހޭ އެންމެހާ ވިޔަފާރިތަކުން ފުރިހަމަ އެެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެފައިވާ ކަމަށާއި، އެގޮތުން 2023 ވަނަ އަހަރު ރަސްމީ ރިޒާވް 590.5 މިލިޔަން ޑޮލަރުގައި ހުރިއިރު، މިދިޔަ އަހަރުގެ ނިޔަލަށް 673 މިލިޔަން ޑޮލަރަށް ރަސްމީ ރިޒާވް އިތުރުވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ މި އަހަރު ނިމޭއިރު ރިޒާވް 705.1 މިލިއަން ޑޮލަރަށް އިތުރުވެގެން ދާނެ ކަމަށެވެ.

އިގުދިސާދީ މި އުފާވެރި ނަތީޖާއާ އެކު ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި ބޭރުފައިސާގެ ބާޒާރަށް ދިމާވެފައިވާ މިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަކީ ވެސް ދިވެހި ދައުލަތާއި ދިވެހި ކޮންމެ ރައްޔިތެއްގެ ހައްގުގައި ކޮންމެހެން ކުރަންޖެހޭކަމެއް،
ރައީސް މުއިއްޒު

ރައީސް އިތުރަށް ވިދާޅުވީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވިގެން ދާނެ ކަމަށެވެ. އަދި، 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރީން މުދާ އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.