2025 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓުން ހަރަދު ކުރެވިފައިވާ ގޮތަށް ބަލާލުމަކީ، މި ހިނދުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 2024 ވަނަ އަހަރުގެ ޖުމްލަ 53.1 ބިލިއަން ރުފިޔާގެ ބަޖެޓުގެ 34.8 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވަނީ ރިކަރަންޓް ހަރަދުތަކަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭގެ ތެރެއިން 13.6 ބިލިއަން ރުފިޔާއަކީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ހަރަދުވި ފައިސާކަމަށް ރައީސް ވިދާޅުވިއެވެ. އަދި 4.7 ބިލިއަން ރުފިޔާ ރިކަރަންޓް ހަރަދުގެ އިންޓަރަސްޓަށް ހަރަދުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރިކަރަންޓް ހަރަދުގެ ތެރެއިން އެކިކަހަލަ ގްރާންޓްތަކާއި، ސަބްސިޑީއަށް 10.5 ބިލިއަން ހަރަދު ވެފައިވާކަމަށެވެ. އަދި އޮޕަރޭޝަނަލް ހިދުމަތްތައް ފަދަ ކަންކަމަށް 6 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި ޖުމްލަ 18.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު އޭގެތެރެއިން 11.4 ބިލިއަން ރުފިޔާ ހަރަދުވެފައިވަނީ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕްރިންސިޕަލް ލޯން ރިޕޭމަންޓްތަކަށް 2.3 ބިލިއަން ރުފިޔާ ހަރަދު ވެފައިވާއިރު 2.1 ބިލިއަން ރުފިއާ އިންވެސްޓްމަންޓްތަކަށް ހަރަދު ވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން 1.8 ބިލިއަން ރުފިޔާ ކެޕިޓަލް އިކުއިޕްމަންޓާއި، އެފަދަ އެހެނިހެން ތަކެއްޗަށް ހަރަދުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި 0.7 ބިލިއަން ރުފިޔާ ލޯން އިޝޫކުރުމަށް ހަރަދު ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ނޮވެންބަރު 17، 2023ގެ ކުރިން ނަގަފައިވާ ލޯނުތައް ދެއްކުމަށް 2024 ވަނަ އަހަރުގެ ބަޖެޓުން ޖުމްލަ 3.9 ބިލިއަން ރުފިޔާ ބޭރުގެ ދަރަނި އަދާކުރަން ހަރަދުވެފައިވާއިރު، އެތެރޭގެ ދަރަނި ދެއްކުމަށް 3.1 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން އެކިއެކި މަސައްކަތްތައް ކުރުމަށް އަމިއްލަ ފަރާތްތަކާއި، ކުންފުނިތަކާ ހަދާފައިވާ އެގްރީމަންޓްތަކުގެ ދަށުން ލޯކަލް ވެންޑަރުން ހުށަހަޅާފައިވާ ބިލުތަކަށް 6.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ 2024 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ޖުމުލަ 35 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދައުލަތުގެ އާމްދަނީ އިތުރުކުރަން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އެކަމުގެ ހެޔޮ އަސަރުވެސް މިހާރު ދައުލަތުގެ މާލިއްޔާއަށާއި ބޭރު ފައިސާގެ ރިޒާވަށް ކުރަން ފަށާފައިވާކަމަށެވެ.