މާފަންނު މުރަނގަ މަގުގައި ހުރި ބޮޑުގެ ވަގުތީ މިސްކިތް ތަޅާލައި ތިން ބުރީގެ މިސްކިތެއް އެތާ އަޅަން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ ބޮޑުގެ މިސްކިތުގެ މަޝްރޫ ކުރިއަށް ގެންދަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށާއި، އެތަނުގެ ޒަމާނީ ފެންވަރުގެ ތިން ބުރީގެ މިސްކިތެއް އެޅުމަކީ ރައީސް ގެ ތަސައްވަރު ކަމަށެވެ.
މި މިސްކިތުގައި ނަމާދުކުރުމުގެ އިތުރުން ދީނީ އިލްމު އުނގަންނައި ދިނުމަށް ބޭނުންވާ ކްލާސްތައްވެސް ހިންގާނެ ކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ މިސްކިތުގެ ނަމާދުކުރާ ބައިގެ އިތުރުން، ގުރްއާނުގެ ޢިލްމު އުނގަންނައި ދެވޭގޮތަށް ކްލާސްރޫމާއި ލައިބްރަރީއެއްވެސް ހުންނާނެ ކަމަށެވެ.
މި ސަރަހައްދުގައި ފުރަތަމަ މިސްކިތެއް އެޅީ މާވެޔޮ މަގުގައި ކުރިން ހުރި މިސްކިތް ބަންދުކުރުމާއެކު އެ ސަރަހައްދުގައި އުޅޭ މީހުން ނަމާދު ކުރުމަށް ދުރަށް ދާން ޖެހޭތީ ލުއިކޮށްދިނުމުގެ ގޮތުންނެވެ.
ޝަހީމް ވިދާޅުވީ މި މިސްކިތުގެ މަސައްކަތް މި ރަމަޟާން މަހުގެ ފަހުން ފެށުމަށް ނިންމާފައިވާ ކަމަށާއި، އަމާޒަކީ ވީހާވެސް އަވަހަށް މި މަސައްކަތް ފެށުން ކަމަށެވެ. މި މިސްކިތް އަޅަނީ މިނިސްޓްރީއާ ހެޔޮ އެދޭ ފަރާތްތަކެއް ގުޅިގެން ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ވަނީ މުޅިން އަލަށް ތިން މިސްކިތެއް ހުޅުވާފައެވެ. އޭގެތެރެއިން ދެ މިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ.