ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ކެންސަރު ބަލީގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ. އެހެންކަމުން މިއަދު އަޒުމު ކަނޑައަޅަންވީ މި ނުބައި އާދައިން ދުރުވުމަށް އަޒުމް ކަނޑައަޅުމަށް ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ އުފާވެތި، ދުޅަހެޔޮ، އަދި ވިލުންތެރި ގައުމެއް ބިނާކުރުމަށް ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައެވެ. 2025 ވަނަ އަހަރު ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަށް ކަނޑައަޅާފައިވާ، "ޔުނައިޓަޑް ބައި ޔުނީކް" ނުވަތަ "އެފަދަ ދެވަނައެއްނެތް އެއްބައިވަންތަކަން" މި ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ޝިއާރުގައިވާ ފަދައިން، ބަލި ތަހައްމަލު ކުރާ ކޮންމެ މީހަކީވެސް ތަފާތު ދަތުރެއް ކުރާ މީހެއް ކަމަށެވެ. އެހެން ނަމަވެސް މި ޝިއާރުގައި ބުނެދޭ ފަދައިން ދިވެހިން ތިބީ އެއްބައިވަންތަ ކަމާއިއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 2030 ވަނަ އަހަރުގެ ނިޔަލަށް އާންމު ސިއްހަތުގެ ކަންބޮޑުވުމެއްގެ ގޮތުގައި ސާވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ބަލި ނައްތާލުމުގެ ބައިނަލްއަގްވާމީ އަދި ސަރަހައްދީ އަމާޒަށް ވާސިލުވުމަށް ރާއްޖެއިން ދަނީ، ކަނޑައެޅިފައި އޮތް ރާސްތާއިން މަސައްކަތް ކުރަމުން ކަމަށެވެ. އަދި ކެންސަރު ބަލީގެ ހާއްސަ މަރުކަޒެއް ގާއިމުކޮށް، ޕެލިއޭޓިވް ކެއާ ނުވަތަ ހައްސާސް ބަލިތައް ހުންނަ މީހުންގެ އަލާމާތްތައް ދެނެގަނެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭ ހިދުމަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކޮށް، ހިދުމަތް ހޯދޭނެ މަގުތައް އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މިހާރު ޕްރައިމަރީ ހެލްތު ކެއާ ގެ ހިދުމަތް މެދުވެރިކޮށް، ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި، ފަސް ބާވަތެއްގެ ކެންސަރު ބައްޔަށް ސްކްރީން ކުރެވޭކަން ރައީސް ވިދާޅުވިއެވެ. އަދި ކެންސަރު ބަލީގެ ހާއްސަ ތަހުލީލުތައް ކުރެވޭ ނުވަތަ، ސްޕެޝަލައިޒްޑް ސްކްރީނިންގް މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެ ކަމުގެ ސަބަބުން ކެންސަރާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އިތުރު އެހީތެރިކަމެއް ލިބޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ތަންތަނަކީ ރަށުފެންވަރުގެ އާބާދީތަކަށް ސިއްހީ ހިދުމަތްދޭ މަރުކަޒުތަކެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ކެންސަރު ބަލި ޖެހުމަށް މަގުފަހިކުރުވާ ކަންކަމާ ދެކޮޅަށް ގައުމި ފެންވަރުގައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އިލެކްޓްރޯނިކް ސިނގިރޭޓް މަނާކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ގާނޫނާއި ސިޔާސަތުތައް ހަރުދަނާކޮށް، ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވާ ސިއްހީ ފަރުވާގެ ހިދުމަތްތައް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދެވެމުން ދާ ކަމީ، ކެންސަރުގެ ނުރައްކަލަށް ހުށަހެޅިދާނެ އަމަލުތަކުން ރައްޔިތުން ރައްކާތެރިކުރުމަށް، އަދުގެ ސަރުކާރުން ސާބިތުކަމާއެކު ދެމި އޮތްކަން ހާމަކޮށްދޭ ކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ދުންފަތުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވިއްކުން އަދި ބެހުން މަނާކޮށް، ބޮޑެތި ޖޫރިމަނާތައް ކުރަން ފަށާފައިވާއިރު ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި ގުޅިގެން ސިނގިރޭޓުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް ބޮޑުވެފައެވެ.