އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރުތަކުގެ ތެރެއިން މެކްސިކޯ އަދި ކެނެޑާގެ މުދަލުން ޑިއުޓީ ބޮޑުކުރާ އަމުރު ތަންފީޒު ކުރުން މަޑުޖައްސާލައިފިއެވެ.
އެ 2 ގައުމުން އެމެރިކާ އަށް އެތެރެ ކުރާ މުދަލުގެ ތެރެއިން މުހިންމު ބައެއް ތަކެތިން 25 ޕަސެންޓާ ހަމައަށް ޑިއުޓީ ބޮޑު ކުރަން އަމުރު ނެރުއްވުމާއެކު އެ ގައުމުތަކުން އެމެރިކާގެ މުދަލުގެ ޑިއުޓީ ބޮޑުކުރާނެކަމަށް ބުނުމާއެކު އެމެރިކާގެ ސްޓޭންޑް ބަދަލު ކުރީއެވެ.
ޑިއުޓީ ބޮޑުކުރަން އަމުރު ނެރުއްވުމަށް ފަހު އެ ގައުމުތަކުގެ ވެރިންނަށް ގުޅުއްވާ ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހު މިހާރު އެއްބަސްވެފައި ވަނީ ޑިއުޓީ ބޮޑުކުރުން 30 ދުވަހަށް މަޑުޖައްސާލުމަށެވެ. އެއާއެކު އެގައުމުތަކުން ވެސް ވަނީ، އެމެރިކާ އާއި އެގައުމުތަކާ ގުޅޭ އިން ބެލެހެއްޓުން އިތުރަށް ހަރުދަނާ ކޮށް، ބޯޑަރު ހުރަސްކޮށް ހިޖުރަވެރިންނާއި އަދި މަސްތުވާތަކެތި ސްމަގްލް ކުރުން ހުއްޓުވުން އިތުރަށް ވަރުގަދަ ކުރަން އެއްބަސްވެފައެވެ.
ޓެރިފް ބޮޑު ކުރުމުގައި ޓްރަމްޕް އެންމެ ބޮޑަށް ބަހަނާ ދެއްކެވި 2 ކަމަކީ ބޯޑަރު ހުރަސްކޮށް ހިންގާ ޣައިރުގާނޫނީ ކަންކަން ހުއްޓުވުމާއި އެމެރިކާގެ ރައްޔިތުން ސަލާމަތް ކުރުމުގެ ވާހަކައެވެ.
އެމެރިކާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ނުވަތަ އެންމެ ބޮޑެތި މާކެޓްތަކުގެ ތެރޭގައި ހިމެނޭ މެކްސިކޯއާއި ކެނެޑާގެ އިތުރުން ޗައިނާގެ މުދަލުން 10 ޕަސެންޓް ބޮޑުކުރުމުގެ އަމުރު ދަމަހައްޓަން އެމެރިކާއިން ވަނީ ނިންމާފައެވެ.
ޗައިނާގެ މައްސަލައިގައި ޓްރަމްޕް ނެރުއްވި ގަރާރުގައި ވަނީ އެމެރިކާ އަށް އެތެރެ ކުރާ ޗައިނާގެ ހުރިހާ މުދަލަކުން 10 ޕަސެންޓް ބޮޑު ކުރާށެވެ.
މި މައްސަލައިގައި ޗައިނާއިން އެމެރިކާއަށް ރައްދު ދިނުމުގެ ގޮތުން ހަރުކަށި ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ބުނެފައި ވަނީ އެ މައްސަލަ ހިފައިގެން ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަށް ދާނެ ކަމަށެވެ.
ދުނިޔޭގެ މާލީ ބާޒާރުގެ މައި މަރުކަޒަކީ އެމެރިކާ ކަމަށް ވާ އިރު، އަދި މުއާމަލާތުގެ މައިގަނޑު ފައިސާ އަކީ އެމެރިކާ ޑޮލަރު ކަމުން، އެމެރިކާގެ ސިޔާސަތަށް ގެންނަ ކޮންމެ ބަދަލަކުން މާލީ ނިޒާމަށް އަސަރު ކުރެއެވެ.
އެގޮތުން ޓެރިފް ބޮޑުކުރަން ނިންމުމުން، އެމެރިކާގެ ފައިސާގެ މުގާބިލުގައި އެހެން ފައިސާގެ އަގު ތަންކޮޅެއް ދަށަށް ޖެހިލުމަށް ފަހު ޑިއުޓީ ބޮޑުކުރުން މަޑުޖައްސާލަން ނިންމުމާއެކު އެހެން ގައުމުތަކުގެ ފައިސާ ވަނީ ތަންކޮޅެއް މައްޗަށް ޖެހިލާފައެވެ.