ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބަހަން ކަނޑައެޅި ކަދުރު ބަހާ ނިމިއްޖެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ކަދުރު ބަހަން ފަށާފައި ވަނީ ހުސްވި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލެއަށް ކަދުރު ބެހުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމިކް މިނިސްޓްރީގައެވެ. އެގޮތުން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް 1 ޕެކެޓު ކަދުރު ބަހާފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، 1446 ވަނަ އަހަރު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބަހަން ނިންމި ކަދުރު ބަހާ ހުސްވެފައިވާ ކަމަށެވެ. މާލެ ސަރަހައްދުގައި ކަދުރު ބަހާ ނިމުނު ކަމުގައިވީ ނަމަވެސް ރަށްރަށުގައި ކަދުރު ބެހުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދެއެވެ.

މިއީ އަހަރުތަކަކަށް މެދު ކެނޑުމަށްފަހު ރާއްޖޭގައި ކަދުރު ބެހުމުގެ މަސައްކަތް ކުރި އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އަދި ހަމައެހެންމެ ގޭބީސީތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރަމަޟާން މަހުގެ އިފްތާރު ޕްރޮގުރާމަށް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމް ހަމަޖައްސައިދޭ ޖަމިއްޔާ ޖަމާއަތްތަކަށް ކަދުރު ދިނުމަށް ނިންމައި އެކަމަށް ޝައުގުވެރިވާ ޖަމިއްޔާ ޖަމާއަތްތަކުން ނަންނޯޓު ކުރުމުގެ ފުރުސަތު ވެސް މިނިސްޓްރީން ހުޅުވާލާފައި ވެއެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ކަދުރު ހަދިޔާކުރަމުން އަންނައިރު، މި އަހަރު ސައުދީއިން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވެއެވެ.