އަތްމަތި ތިޔާގި ކަމާއި، ދުޅަހެޔޮ ކަމާއި، ނަފުސާނީ ފުދުންތެރި ކަން ފަދަ ހުރިހާ ކަމެއްގެ އިތުރަށް، ރޫހާނީ ވެށި ނުވަތަ އީމާންތެރިކަން ހަރުދަނާ ކުރަން އަބަދުވެސް ވިސްނަން ޖެހޭ ކަމަށާއި، ހަގީގީ އުފާވެރިކަމުގެ ކިއްލާއަކީ އީމާންތެރިކަމުގެ ނޫރުން އަލިވެފައިވާ ހިތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިހެން ވިދާޅުވީ، ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފަށައި "ހެޕިނަސް އިންޑެކްސް" ލޯންޗްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސާޖިދާ ވިދާޅުވީ، ކޮންމެ އިންސާނަކާއެކުގައި ވެސް އުފާވެރިކަން ވާ ކަމަށާއި، އެ މީހަކަށް ހިތާމައެއް މެދުވެރިވިކަމުގައި ވީ ނަމަވެސް، އަލުން އުފާވެރި ހާލަތަށް ރުޖޫއަވެވޭ ކަމާއި، އެއީ ގުދުރަތުން އެކަން ލައްވާފައިވާ ގޮތް ކަމަށެވެ. އުފާވެރިކަމުގެ މައުލޫއަކީ ވަރަށް ޝައުގުވެރި މައުލޫއެއް ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ސާޖިދާ ވިދާޅުވީ، އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވާ ހިނދު، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް އިރުޝާދު ދޭ ގޮތުގައި އިންސާނާގެ ހިތަށް ހަގީގީ ހަމަޖެހުމަކާއި އުފާވެރިކަމެއް ލިއްބައިދެނީ ހަމައެކަނި މާތް ﷲ ހަނދުމަކުރުމުން ކަމަށެވެ.

ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމުން ކަމަށާއި ރޫހާނީ މުއްސަނދިކަމަށް ބަލާ ނަމަ، އިންސާނާއާ އޭނާ ހެއްދެވި ފަރާތާ ދެމެދު މަތިވެރި ގުޅުމެއް، އަދި އިންސާނާގެ އަހްލާގެގައި ކިޔަމަންތެރި އުޅުމެއް ހަރުލާފައި ހުންނަން ޖެހޭ ކަމުގައި ސާޖިދާ ވިދާޅުވިއެވެ.

"ހެޕިނަސް އިންޑެކްސް" ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ދިވެހިރާއްޖޭގެ "ހެޕިނަސް އިންޑެކްސް" ލޯގޯ އިފްތިތާހުކޮށް ދެއްވާފައެވެ.

ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފަށައި މަޝްރޫއުގެ ރިސާޗް ޕާޓްނަރަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އެވެ. މިއީ ދިވެހިންގެ އުފާވެރިކަން މިންކުރުމަށް ރަސްމީ ސިފައެއްގައި އޮނިގަނޑެއް އެކުލަވާލައި، ފުރަތަމަ ފަހަރަށް ދިވެހި ގައުމުގެ އުފާވެރިކަމުގެ ނިސްބަތް ދެނެގަތުމުގެ މަޝްރޫއެއް ފެށި ފުރަތަމަ ފަހަރެވެ.

މިއަދުގެ ރަސްމިއްޔާތުގައި، މުޖުތަމައުގެ އެކި ބަހާތަކުގެ މެންބަރުން އުފާވެރިކަން މާނަ ކުރައްވާ ގޮތް ހިއްސާކުރުން އޮތެވެ. އެގޮތުން އިސްރަށްވެހިންނާއި، ދަރިވަރުންނާއި، ކަނބަލުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޒުވާނުންގެ ޝުއޫރު ހިއްސާކޮށްފައި ވެއެވެ. "ހެޕިނަސް އިންޑެކްސް" އަށް ތައްޔާރުކޮށްފައިވާ ހާއްސަ ލަވައެއްވެސް މިއަދުގެ ރަސްމިއްޔާތުގައި ވަނީ ތައާރަފުކޮށްފައެވެ.

ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން ހުރި މިންވަރު ބެލުމަށް "ހެޕިނަސް އިންޑެކްސް" އެއް ކަނޑައެޅުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އުފާވެރިކަމާއި ހިތްހަމަޖެހުމާއި، ކޮންމެ ރަށެއްގެ ހާލަތު ރަނގަޅަށް ދެނެގަނެވުމަކީ މުހިންމު ކަމެއްކަމުގައި ދެކެވަޑައިގެން، ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގެ "ހެޕިނަސް އިންޑެކްސް" ކަނޑައެޅުމުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށް ގެންދަވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގެންފައިވާ "ބެސްޓް ޕްރެކްޓިސް" މިންގަނޑުތަކަށް ރިއާޔަތްކޮށްގެންނެވެ.