ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ގިނަމީހުންނަކީ ބޮޑެތި ކުށްތަކަށް އަރައިގަނެފައިވާ މީހުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
"ބަންދު ފޯރަމް" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަ ޝުޖާއު ވިދާޅުވީ ބޮޑެތި ކުށްކުށަށް އަރައިގަނެފައިވާ މީހުން ބަންދުގައި ބައިތިއްބަންޖެހެނީ އެ މީހުން ދޫކޮށްލައިފިނަމަ މުޖުތަމައަށާއި، ޝަރީއަތްތަކަށް ނުރައްކާވެދާނެތީ ކަމަށެވެ. މީގެ ކުރިންވެސް އެފަދަ ބަންދުގައި ތިބި މީހުން ދޫކޮށްލާފައިވާކަން ހާމަކޮށް ސީޕީ ވިދާޅުވީ އޭގެ ނޭދެވޭ އަސަރު ޝަރީއަތަށާއި މުޖުތަމައަށްވެސް ކޮށްފައި އެބަހުރިކަމަށެވެ.
މީގެ އިތުރުން ސިޕީ ވިދާޅުވީ ބަންދުގައި ތިބޭ މީހުން ޝަރީއަތް ނިމެންދެން ދޫކުރެވޭނީ އެމީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިގެން ކަމަށެވެ. އެގޮތުން ގާނޫނުތަކަށް ބަދަލު ގެނެސްގެން ޓެގް އެޅުވިގެން މޮނިޓާ ކުރެވިދާނެކަން ފާހަގަކޮށް ސީޕީ ވިދާޅުވީ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މޮނިޓާކުރެވޭނެ ނިޒާމެއް ނެތި ހައްޔަރުކުރުމުގެ މަގުސަދު ހާސިލުނުވާނެކަމަށެވެ. ވަރަށް ބޮޑެތި ކުށްކުށަށް އަރައިގަނެފައިވާ މީހުން މިވަގުތު ބަންދުގައި ތިބިކަން ފާހަގަކޮށް ސީޕީ ވިދާޅުވީ މިވަގުތު ބަޔަކު ދޫކޮށްލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ފުލުހުން އަބަދުވެސް ބަލަނީ ވީހާވެސް އަވަހަކަށް ތަޙުޤީޤު ނިންމާ މައްސަލައާމެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭތޯ ކަމަށް ސީޕީ ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރު އަލި އިހްސާން ވަނީ މި ފޯރަމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުތަކުގައި ޝަރީއަތްތައް ނުނިމޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.