"ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ބޭރު ކުރަން އުޅުނު މިޔަރު މަހާއި މަޑި މަސް ނައްތާލާފައިވާކަމަށް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.
މިދިޔަ އަހަރު ނޮވެމްބަރު 7 ވަނަ ދުވަހު ކަސްޓަމްސްއިން ބަލައި ފާސްކުރި މުދާ ޝިޕްމެންޓެއްގެ ތެރެއިން މިޔަރު މަހާއި މަޑި މަސް ހުރި 45 ފޮށިގަނޑު ވަނީ ފެނިފައެވެ. މި ތަކެތީގެ ބަރުދަނުގައި ޖުމުލަ 582 ކިލޯގްރާމް ހުރިއިރު ކަސްޓަމްސް އިން ވަނީ މި މައްސަލަ ތަހުގީގުކޮށް މި ތަކެތި ބޭރު ކުރަން އުޅުނު ކުންފުނީގެ މައުލޫމާތު ހާމަކޮށްފައެވެ.
އެ ގޮތުން ކަސްޓަމްސް އިން ބުނީ މި ޝިޕްމެންޓް ޑިކްލެއާ ކޮށްފައިވަނީ "ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށެވެ. އަދި މިކަމާ ގުޅިގެން ކަސްޓަމްސްއާއި ކަމާބެހޭ އެހެން އިދާރާތަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ޑިސެންބަރު 22، 2025 ވަނަ ދުވަހު އެ ތަކެތި ނައްތާލާފައިވާކަމަށް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ބިޒްނަސް ޕޯޓަލުން އެނގޭ ގޮތުގައި އެ ކުންފުންޏަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާއާއި އޭނާގެ ފިރިމީހާ ހަސަން ސިނާންގެ ކުންފުންޏެކެވެ