ތިނަދޫ ސިޓީގައި އިމާރާތްކުރަމުން ދާ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ތިނަދޫ ސިޓީ ކައުންސިލުން ހުޅުވާލީ ހައުސިން މިނިސްޓްރީގެ ހުއްދަ ނުހޯދާކަމަށް ބުނެ އެ އިއުލާން ބާތިލުކުރުމަށް އެ މިނިސްޓްރީން، ކައުންސިލަށް އަންގައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ހައުސިން ޔުނިޓު އިމާރާތްކުރުމާއި، އެތަންތަން އެކި ފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކޮށް، އެ މަސައްކަތް ވިލަރެސްކުރުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމަނާފައި ވާކަމެއްކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރެވޭ ހައުސިން ޔުނިޓުތައް ހަވާލުކުރެވޭނީ މިނިސްޓްރީން އެންޑޯސްކޮށް ހުއްދަދޭ އުސޫލުތަކާ އެއްގޮތަށް ކަން ފާހަގަކޮށް މިނިސްޓްރީން ވަނީ ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަކީ އެ މިނިސްޓްރީގެ ދަށުން އިމާރާތްކުރަމުންދާ ހައުސިން ޔުނިޓްތަކެއް ކަމަށެވެ. އަދި މި ޔުނިޓްތައް ދޫކުރުމަށް އިއުލާންކުރުމުގެ ކުރިން ހައުސިން ޔުނިޓްތައް ދެވޭނެ އުސޫލު ފައިނަލް ކުރަންވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހައުސިން މިނިސްޓްރީން ބުނީ ހައުސިން އެޕްލިކޭޝަންގެ މަރުހަލާ ކުރިއަށް ގެންދަންވާނީ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށެވެ. މިނިސްޓްރީން ވަނީ ތިނަދޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނަކީ މިނިސްޓްރީގެ ހުއްދައެއްނެތި ކޮށްފައިވާ އިއުލާނަކަށް ވުމުން އެ އިއުލާނު ބާތިލުކުރުމަށް އެރަށުގެ ކައުންސިލަށް އަންގާފައެވެ.
ތިނަދޫ ސިޓީގައި އިމާރަތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖަނަވަރީ 29، 2025 ގައެވެ. ތިނަދޫ ކައުންސިލުން ބުނީ ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ތިނަދޫ ސިޓީ ކައުންސިލާއި ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން ތިނަދޫ ސިޓީގެ ރައްޔިތުންނަށާއި، ތިނަދޫ ސިޓީއަށް ހިޖުރަކުރަން ބޭނުންވާ އެހެނިހެން ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިން ޔުނިޓަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލާފައެވެ.